އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ އެކްސަސައިޒް ”ޖައްރާފާ“ގެ މި އަހަރުގެ ތަމްރީނުތައް މިއަދު ފަށައިފިއެވެ.
މި އެކްސަސައިޒް ފެށުމުގެ ގޮތުން މިއަދު ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
މި އެކްސަސައިޒް ކުރިއަށްގެންދަން ހަމަޖެހިފަައި ވަނީ ނޮވެންބަރު 23އިން 24 އަށެވެ.
މި އެކްސަސައިޒްގެ ތަމްރީނުތައް މާލެއާއި، ހުޅުމާލޭގެ އިތުރުން، ވިލިމާލެއާއި، ތިލަފުށީގައި އަދި މާލެކައިރީގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދާނެއެވެ.
އެ ތަމްރީނުތަކުގައި، ހައިރައިޒް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި، ރެސްކިޔު އޮޕަރޭޝަންތަކާއި، ހެޒްމެޓް އޮޕަރޭޝަންގެ އިތުރުން ރޯޑް އެކްސިޑެންޓްތަކުގައި ބޭނުންކުރާ އިމަޖެންސީ ޕްރޮސީޖަރސް ފަރިތަކުރާނެއެވެ.
އަދި މި އެކްސަސައިޒް ކުރިއަށްދާ ވަގުތު، މާލޭގެ މަގުތަކުގައާއި، މާލޭ ސަރަހައްދުގައި ފަޔަރ ވެހިކަލް، ސައިރަން އެޅުމާ އެކު ހަރަކާތްތެރިވާނެއެވެ.
މި އެކްސަސައިޒް ފެށުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ރަޝީދުއާއި، އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގގެ ޑައިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޙަސަން ޝާހިދުއާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމަޑާންޓް، ކާނަލް އަޙްމަދު ޠާހިރުއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް، ހިސާން ޙަސަން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އިމަޖެންސީ ރެސްޕޯންސް ޓީމުތަކުން ބައިވެރިވެލެއްވިއެވެ.
މި އެކްސަސައިޒުގައި، ފަޔަރ ފައިޓަރުންނަށް ލިބިފައިވާ ޢިލްމާއި ހުނަރު އަދި ލިބިފައިވާ ވަސީލަތްތައް އަމަލީ މައިދާނުގައި އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ ގޮތްތަކާއި، ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ، ހުނަރުވެރިކަމާއެކު ހައްލުކުރާނެ ގޮތްތައް ފަރިތަކުރުމުގެ އިތުރުން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އަވަސް ކުރެވޭނެ ގޮތްތައް ދެނެގަތުމަށް މަސައްކަތްކުރާނެއެވެ.




