ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) ގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމެންޓް އޮފީސް (އެފްސީޑީއޯ) ގެ ޕާލިމެންޓަރީ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް، ސީމާ މަލްހޯތްރާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
އެގޮތުން މި ބައްދަލުކުރެއްވުމުގައި، ފަސްޓް ލޭޑީ ވަނީ ދިވެހިރާއްޖެއަށް، ޚާއްޞަކޮށް އިޤްތިޞާދީ ކުރިއެރުވުމަށް ޔޫކޭ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމާއި، ދެޤައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
އަދި މިނިސްޓަރ ސީމާ މަލްހޯތްރާ ވަނީ އެފްސީޑީއޯއާ ގުޅުންހުރި ދާއިރާތަކުގައި ފަސްޓް ލޭޑީގެ ޝައުޤުވެރިކަމާއި، އެކަމަށް ދެއްވާ އެއްބާރުލެއްވުމަށްޓަކައި އެކަމަނާއަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އެ ދެ ބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި އަންހެނުން ބާރުވެރިކުރުވުމާއި، ސިޔާސީ ދާއިރާގަޔާއި ވަޒީފާގެ މާހައުލުގައި އަންހެނުންގެ ލީޑަރޝިޕް، ޖެންޑަރ އަނިޔާއާ ކުރިމަތިލުން، ތަޢުލީމު، އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރު ހިމެނެއެވެ.
މިގޮތުން ފަސްޓް ލޭޑީ ވަނީ ސިވިލް ސަރވިސްގައި މަސައްކަތްކުރެއްވުމުގެ ތަޖުރިބާއާއި، ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް އެ ކަމަނާ ކުރައްވާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ.
އަދި ޕާލިމެންޓާއި ލޯކަލް ކައުންސިލްތަކުގައ އަންހެނުންގެ ބައިވެރިވުމާއި ލީޑަރޝިޕް، އިތުރުކުރުމަށް ސަރުކާރުގެ ސިޔާސަތުތަކާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުންތައް އެ ކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރ ސީމާ މަލްހޯތްރާ ވަނީ އެކި ދާއިރާތަކުން އަންހެނުން ކުރިއެރުވުމަށް އެކަމަނާ ކުރައްވާ މަސައްކަތްތަކުގެ ތަފްޞީލު ހިއްސާކުރައްވާފައެވެ.
ލީޑަރޝިޕްގަޔާއި ސިޔާސަތުގައި ހަމަހަމަކަން އޮތުމުގެ މުހިންމުކަން ބަޔާންކުރައްވާ ޖެންޑަރއާ ގުޅުންހުރި މައްސަލަތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް އެކަމަނާގެ ފަރާތުން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.



