މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޛު ކުރުމަށް، ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއާއެކު ފަހުމްނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު ހެނދުނު ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައި ކުރިއަށް ދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު އެވެ. އަދި ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޙަސަން ފައިހަތު ޤުދުރަތުﷲ އެވެ.
މި އެއްބަސްވުމުގެ ދަށުން ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ކުރުމަށް އެއްބަސްވެފައިވާ ކަންތައްތަކުގެ ތެރޭގައި، ކޯޓުތަކުން ކަނޑައަޅާ އަދަބުގެ ބާވަތާ ގުޅިގެން ޤައިދީންނަށް ވަކި ތަޢުލީމީ ޕްރޮގްރާމެއް ނުވަތަ އެނޫން ޕްރޮގްރާމެއްގައިވެސް ބައިވެރިކުރުމަށް އަމުރު ކުރާ ޙާލަތުގައި، ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ސިޓީ ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ އިދާރާތަކުންނާއި ކުންފުނިތަކުން އެއިރަކު ކުރިއަށް ގެންދާ ޕްރޮގްރާމެއްގައި ބައިވެރިކުރުމަށް އެމްސީއެސްއަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
އަދި މުޖުތަމަޢުއަށް ޚިދުމަތް ކުރުމަށް ކުރެވިދާނެ އެކި މަސައްކަތްތައް ދެނެގަތުމަށްޓަކައި ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުންނާއި، ގުޅުން ހުރި އެން.ޖީ.އޯ ތަކުން އަދި މިނޫންވެސް އެކި ދާއިރާތަކުގެ މަޢުލޫމާތު ހޯދާ އެމް.ސީ.އެސްއާ ހިއްސާކުރުމާއި، އެކަން ހަމަޖެއްސުމުގައި އެމް.ސީ.އެސްއަށް އެހީތެރިކަން ފޯރުކޮށްދިނުންވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.
މީގެ އިތުރުން ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އަދަބުތައް ތަންފީޛު ކުރުމުގެ މުއްދަތުގައި، ޤައިދީން މުޖުތަމަޢުއިން ބަލައިގަންނަ ފަރާތްތަކެއްގެ ގޮތުގައި ހެދުމަށާއި، މުޖުތަމަޢަށް އަލުން ގުޅިގެން ދިއުމަށްޓަކައި މުޖުތަމަޢުގެ ދައުރު ބަޔާންކޮށްދީ، އާންމުން ހޭލުންތެރި ކުރުމަށް އެމް.ސީ.އެސްއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ދެ މުވައްސަސާގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.



