މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ”އުތުރުހުވަދޫ ފަންނު އެކްސްޕޯ 2025″ގެ ނަމުގައި ގއ. ވިލިނގިލީގައި ތަފާތު ފަންނުތައް ދައްކުވައިދޭ އެކްސްޕޯއެއް ފަށައިފިއެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ޕޮލިޓެކްނިކްގެ ގއ.ވިލިނގިލީ ކެމްޕަހުގެ ފަރާތުން އެ ރަށުގައި ރާއްޖޭގައި ނެތެމުންދާ އެތަށް ފަންނުތަކަކުން ދިވެހިން ތަމްރީނުކުރުމަށް ތަފާތު ޕްރޮގްރާމްތައް ކުރިއަށްގެންދާ ކަމަށެވެ.
އެގޮތުން އެ ފަންނުތައް އާންމުންނަށް ދައްކާލުމަށް ”އުތުރުހުވަދޫ ފަންނު އެކްސްޕޯ 2025″ގެ ނަމުގައި ވިލިނގިލީގައި ޚާއްސަ އެކްސްޕޯއެއް ފަށާފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
”ކުރެހުންތަކާއި، ލަކުޑިން ތައްޔާރުކޮށްފައިވާ ތަކެތި، ކެލިގްރަފީ، ލިޔެލާޖެހުން އަދި އެނޫން ވެސް ފަންނުވެރިން އުފައްދަވައިވާ އެކި ތަކެތި ވަނީ މި އެކްސްޕޯގައި ދައްކައިލެވިފައި“ މިނިސްޓްރީން ބުނެފައި ވެއެވެ.
މި އެކްސްޕޯ ކުރިއަށްގެންގޮސްފައިވަނީ 22 ނޮވެމްބަރ 2025 ވަނަ ދުވަހުއެވެ.
މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ވުޑްކަރވިން، އިލެކްޓްރިޝަން، ގެސްޓް ހައުސް މެނޭޖްމަންޓް، ވެލްޑިންގ ފަދަ ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދެވިފައިވާއިރު، ދިވެހިރާއްޖޭގައި ނެތެމުންދާ ފަންނުތައް ދިރުވާ ޢާލާކުރުމަށް އަތޮޅުތެރޭގެ ރަށްރަށުގައި ފަންނުތައް ދިރުވާ ޢާލާކުރުމަށް ދަނީ އެތަށް މަސައްކަތްތަކެއް ކުރިއަށްގެންދަމުންނެވެ.



