ކުނި މެނޭޖުކުރާ ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް 137 ރަށެއްގައި ކުރަމުން އަންނަ ކަމަށް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ލ. ގަމުގައި މިއަދު ފެށި ގައުމީ ކެމްޕޭނު މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2025 ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
އެގޮތުން މިނިސްޓަރު ދެއްވި ވީޑިޔޯ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރަށްރަށުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ޚާއްސަ އިސްކަމެއްދެއްވައިގެން ގިނަ މަސައްކަތްތަކެއް ފެށްޓެވިކަން ވަނީ ހާމަކުރައްވާފައެވެ.
މިގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ކުނި މެނޭޖުކުރާ ވަޞީލަތްތައް ޤާއިމުކުރުމަށް ސަރުކާރުން ފެށި މަސައްކަތުގެ ދަށުން ކުނި މެނޭޖުކުރާ ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް މިވަގުތު 137 ރަށެއްގައި ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި މަސައްކަތުގެދަށުން ކުނި މެނޭޖްކުރަން ބޭނުންވާ އާލާތްތައް ރަށްރަށަށް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.
އަދި މި މަސައްކަތް ނިމޭއިރު، ކޮންމެ ރަށެއްގައިވެސް އެކަށޭނަ ކުނި މެނޭޖްކުރާ ވަޞީލަތެއް ޤާއިމުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަކީ ތިމާވެށި ރައްކާތެރިކުރުމާއި އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ކޮންމެހެން ކުރަން ލާޒިމު ކަމެއް ކަމަށެވެ.
”މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2025“ މިއީ ކުނި މެނޭޖްކުރަން ހޭލުންތެރިކަން އިތުރު ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ މަހާސިންތާއެކެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ، ކުނި މެނޭޖްކުރުމުގެ ދާއިރާއިން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައި، އެ ދާއިރާގައި ކުރިއެރުންތައް ހޯދުމަށް މަޝްވަރާކުރުމެވެ. އެގޮތުން މި ކޮންފަރެންސްގައި ބައިވެރިންގެ މެދުގައި ހިޔާލު ބަދަލުކޮށް، އެކުލަވާލެވޭ ރޭވުންތަކުގެ ތެރެއިން، ރާއްޖެއަށް ފައިދާހުރި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މިނިސްޓްރީން ބުނީ ގަމުގައި ބާއްވާ މި ކޮންފަރެންސްގައި ސަރުކާރުގެ އިސްވެރިންނާއި، ދާއިރާގެ ތަޖުރިބާކާރުންނާއި، ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވެ، ކުނި މެނޭޖްކުރުމުގެ ރޭވުންތައް ވަރުގަދަކޮށް، ދެމެހެއްޓެނިވި ރާއްޖެއަކަށް ކުރިއެރުން ހޯދުމަށް މަޝްވަރާކުރާނެ ކަމަށެވެ.



