ސްޓެލްކޯއިން އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން ހިންގި ”ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން“ ފުރިހަމަކުރި 116 ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދެވެ.
ކޯހުގެ ބައިވެރިންނާ ސެޓްފިކެޓް ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާ މުޙައްމަދާއި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާހް ޝަރީފާއި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢައިޝަތު މުޒްނާއެވެ.
ސްޓެލްކޯ އިން ބުނީ މި ކޯހަކީ އާންމުކޮށް ހުޅުވާލައިގެން 16 އަހަރުން މަތީގެ ކޮންމެ ކަނބަލަކަށްވެސް ބައިވެރިވެވޭނެހެން ކުރިއަށްގެންދިޔަ ކޯހެއް ކަމަށެވެ.
އެގޮތުން ޖުމްލަ 7 ބެޗަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެ ކޯހުގައި ބައިވެރިވެ 116 ކަނބަލުން ކޯސް ފުރިހަމަކޮށް ސެޓިފިކެޓް ހާސިލް ކޮށްފައިވާ ކަމަށްވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.
ސްޓެލްކޯ އިން ބުނީ އެ ކޯހުގައި ޓްރެއިނަރުންގެ ގޮތުގައި ބައިވެރިވެފައިވަނީ އެ ކުންފުނީގައި ތިބި ޢިލްމާއި ހުނަރުގެ ގޮތުން ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ކަމަށެވެ.
”މި ކޯހުގެ މަޤުޞަދަކީ ކަރަންޓުގެ ދާއިރާއަށް ކަނބަލުންގެ ހިތް ޖައްސުވައި، އެ ދާއިރާއިން ކުރިއަށްދިއުމަށް ހިތްވަރުދީ، އެ ދާއިރާއިން ފިރިހެނުންނާއި އެއްހަމައެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ދާއިރާއަށް އަހުލުވެރިކޮށް، އެމަގަށް ހަރުދަނާ ބިންގަލެއް އަޅައިދިނުން“ ސްޓެލްކޯ އިން ބުނެފައި ވެއެވެ.
• މި ކޯހުގެ ބައިވެރިންނަށް އުނގަންނައިދެވުނު ބައިތަކުގެ ތެރޭގައި ހިމެނެނީ:
• ގޭބީސީ ކަރަންޓު ވަޔަރުކުރުމުގެ އަސާސީ މަޢުލޫމާތާއި އަމަލީ ގޮތުން އެކަން ކުރާނެ ގޮތް
• ވަޔަރު ކުރުމަށް ބޭނުންވާ ޖެހޭ ސާމާނު
• އެކި ބޭނުންތަކަށް ކަމުދާނެ ސޮކެޓް އަދި ނަރުގެ ސައިޒު ފަދަ މަޢުލޫމާތު
• ގޭބިސީގައި އެންމެ އާންމުކޮށް ބޭނުންކުރާ ކަރަންޓު އާލާތްތައް ކަމުގައިވާ ބޮކި، ފަންކާ، ސްވިޗް، ޑީ ބޯޑް ފަދަ ތަކެތި ހަރުކުރުން
• ޑީ ބޯޑަށް ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތް
• ގޭބީސީތަކުގައި ބޭނުންކުރާ ކަރަންޓު ސާމާނު ރައްކާތެރިގޮތުގައި ބޭނުންކުރާނެ ގޮތް
• ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވިދާނެ ގޮތްތައް
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ މި ކޯސް ޚާއްސަކުރެވިފައި ވަނީ އަންހެނުންނަށް ކަމަށާއި ކޯހުގެ މައިގަނޑު މަޤުޞަދެއް ކަމަށް ކަނޑައެޅިފައި ވަނީ، ގޭތެރޭގައި ޙައްލުކުރަންޖެހޭ ކަރަންޓުގެ މައްސަލަތައް ގޭތެރޭން ޙައްލުކުރެވޭނެ މަގު ފަހިކުރުން ކަމަށެވެ.
”އިޖުތިމާޢީ، ރަސްމީ ޚިދުމަތުގެ އިތުރަށް އަންހެނުންނަކީ ގޭތެރޭގެ ވަރަށް ބޮޑު، ވަރަށް ބުރަ ޒިންމާތަކެއް އުފުލާ ބައެއް. އެހެންކަމުން އަންހެނުންނަށް މިފަދަ ހުނަރުތައް ދަސްކޮށްދިނުމުން ވަރަށް ބޮޑެތި ބަދަލުތައް އަންނާނެކަން ޔަޤީން.“ އެ ކަމަނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާހް ރަޝީދު ވިދާޅުވީ ޚާއްސަކޮށް ފިރިހެން ބޭފުޅުން ޑޮމިނޭޓް ކުރަމުން އަންނަ ދާއިރާއަކަށް ކަނބަލުން ތަމްރީނު ކުރުމަކީ މީގެ ސަބަބުން ވަރަށް އެދެވޭ، ރަނގަޅު ނަތީޖާތަކެއް ނުކުންނާނެ ކަމެއްކަން ޔަޤީން ކަމަށެވެ.
އެގޮތުން ކަނބަލުންނަށް އަމިއްލަ ދިރިއުޅުމުގައި ގޭތެރޭގައި ޖެހޭ ކަރަންޓުގެ ކުދިކުދި ކަންތައްތައް އެހެން އެއްވެސް ފަރާތަކަށް ބަރޯސާ ނުވެ އަމިއްލައަށް ކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އެމްޑީ ވިދާޅުވިއެވެ.
އަދި އެއީ މި ދާއިރާއިން އާމްދަނީ ހޯދުމުގެ ވިސްނުންތެރިކަމާ، ކަނބަލުންނަށް އެކަމުގެ އަސާސީ ހުނަރު ދަސްކޮށްދެވި އޭގެ ތެރެއަށް ނުކުތުމަށް އެދެވިގެންވާ ވަރުގަދަ ބިންގަލެއްގެ ގޮތުގައި ދެކޭ ކަމަށް އެމްޑީ ވިދާޅުވިއެވެ.



