ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ، މައްޗަންގޯޅީގެ ރައްޔިތުންނާ މާދަމާރޭ ބައްދަލުކުރައްވާނެ ކަމަސް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް، މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ބައްދަލުވުންތަކުގެ ތެރެއިން މައްޗަންގޮޅީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވޭ ބައްދަލުވުން މާދަމާ އޮންނާނެ ކަމަށެވެ.
އަދި މި ބައްދަލުވުން އޮންނާނީ މާދަމަ ރޭ 20:30 ގައި އަމީނިއްޔަ ސްކޫލްގައި ކަމަށް ހީނާ ވިދާޅުވިއެވެ.
”ވީމާ މައްޗަންގޮޅީގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދައުވަތު އަރުވަމެވެ،“ ހީނާ ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް، އެ މަނިކުފާނު ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން، އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފެއެވެ.
ރައީސްގެ މި ދަތުރުފުޅުތަކުގައި ރަށު ކައުންސިލްތަކާ ބައްދަލުކުރައްވައި އެ ރަށެއްގެ ރައްޔިތުންނާއި ކައުންސިލްތަކުގެ ކަންބޮޑުވުން އަޑުއައްސަވައި އެކަންކަން ހައްލުކުރެއްވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ކުރިޔަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އިއްޔެ ވަނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާވެސް ބައްދަލުކުރައްވާފައެވެ.


