ޕީޕަލްސް ނެޝަނަލް ފްރޮންޓް(ޕީއެންއެފް) ގެ ފުރަތަމަ ސެނެޓް ބައްދަލުވުން ބާއްވައިފި އެވެ.
އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ވަނީ އަސާސީ ޤަވާއިދުގައިވާ 4 ކޮމިޓީއަކަށް ބޭފުޅުން އިންތިޚާބުކޮށްފަ އެވެ. މީގެ ތެރޭ ސުލޫކީ, އިސްތިއުނާފު, އީސީ އަދި މެމްބަރ އެފްއާރޒް ކޮމިޓީ ހިމެނޭކަމަށް ޕީއެންއެފް އިން ބުނެފައި ވެއެވެ. ޕާޓީގެ މުއައްސިސަކީ އަދި ވަގުތީ ރައީސް އަކީ ޔާމީންގެ ދޮށީ ދަރިކަލުން ޒައިން އަބްދުﷲ ޔާމީނެވެ.
ސެނޭޓްގެ ރުހުމާއެކު އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޕީއެންއެފް ހިމަނާ، އެ ޕާޓީއަށް ރަޖިސްޓްރީ ދޫކޮށްފައިވަނީ މިދަހުގެ 25 ވަނަ ދުވަހު އެވެ.
ޕީއެންއެފް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މިދިޔަ އަހަރުގެ ނޮވެމްބަރު 29 ވަނަ ދުވަހު އެވެ. ރައްޔިތުންގެ މަޖިލީޙުގެ އިންތިޚާބު ބޭއްވި އިރު ޕާޓީ ރަޖިސްޓްރީވެފައި ނުވާތީ އެޕާޓީއަށް ނިސްބަތްވާ ހުރިހާ ބޭފުޅުން އިންތިޚާބުގައި ވާއްދަކުރެއްވީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގަ އެެވެ. އެއިން އެއްވެސް ކެންޑިޑޭޓަކަށް އިންތިޚާބު ކާޟިޔާބު ކުރެވިފަ އެއް ނުވެއެވެ.




