މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ހިމަނަން، ޓެރަރިޒަމް މަނާކުރުމާބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.
މި އިސްލާހު ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް އެވެ.
މި އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވީ، މިސްކިތްތަކަށް ގެއްލުންދިނުން ތަކުރާރުވަމުން ދާތީ އެއީ މިސްކިތްތަކުގެ ކަރާމާތަށް އުނިކަން ލިބޭނެ ފަދަ އަމަލެއް ކަމަށްވާތީއެވެ.
އެގޮތުން އޭނާ ވިދާޅުވީ މި އިސްލާހު ހުށަހެޅީ މިސްކިތްތަކުގެ ކަރާމާތް ހިފެހެއްޓުމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ތެރެއިންވާ ކަމަކަށްވާތީއެވެ.
”އެ ފަދަ އަމަލުތަކަކީ މިސްކިތުގެ ކަރާމަތަށް އުނިކަން ލިބޭ ފަދަ އަމަލުތައް. އެފަދަ އަމަލުތައް ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނުން މުހިންމު“ މެންބަރު ވިދާޅުވި އެވެ.
ދޭތެރެދޭތެރެއިން މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ މިސްކިތްތަކަށާއި ތަކެއްޗަށް ގެއްލުން ދިނުން ދަނީ އާންމުވަމުންނެވެ.
އަދި ކަމާބެހޭފަރާތްތަކުން ދަނީ އެފަދަ މައްސަލަތައް ބަލައި މިސްކިތްތަކަށް ގެއްލުންދޭ މީހުނާއި މެދު ފިޔަވަޅު އަޅަމުންނެވެ.
މިގޮތުން ދާދި ފަހުން އައްޑޫ ސިޓީގެ މިސްކިތަކަށް ވަދެ، އެ މިސްކިތުގެ ގޮނޑިތައް އުކައި މުސްހަފުތަކަށް ގެއްލުންދިން މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.


