މަގޭ ސާފު ރާއްޖެ މަހާސިންތާގެ ހަވާސާގެ ތެރެއިން ކުނި މެނޭޖުކުރުމާ ގުޅޭ ފެސްޓިވަލެއް ބާއްވައިފިއެވެ.
އެގޮތުން ކުނި ބޭނުން ކޮށްގެން ތަކެތި އުފައްދާ ޢާންމު ފަރާތްތަކުގެ ސްޓޯލްތައް ހިމެނޭހެން އުކާލާ ކުނީގެ އެކި ބާވަތްތައް ބޭނުން ކޮށްގެން ހަދާފައި ހުރި ތަފާތު އުފެއްދުންތައް ވަނީ ދައްކާލާފައެވެ.
އެ ފެސްޓިވަލްގެ ސްޓޯލްތަކުގައި އުކާލާ ކުނިން ބައެއް ތަކެތި ހަދާނެ ގޮތް ހުށަހަޅައިދީފައި ވާއިރު ބައެއް ސްޓޯލްތަކުގައި ކެއިން ބުއިމުގެ ވައްތަރުތައް ހުރިއިރު، އަނެއްބައި ސްޓޯލްތަކުގައި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވެއެވެ.
”މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2025“ މިއީ ކުނި މެނޭޖްކުރަން ހޭލުންތެރިކަން އިތުރު ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ މަހާސިންތާއެކެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ، ކުނި މެނޭޖްކުރުމުގެ ދާއިރާއިން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައި، އެ ދާއިރާގައި ކުރިއެރުންތައް ހޯދުމަށް މަޝްވަރާކުރުމެވެ. އެގޮތުން މި ކޮންފަރެންސްގައި ބައިވެރިންގެ މެދުގައި ހިޔާލު ބަދަލުކޮށް، އެކުލަވާލެވޭ ރޭވުންތަކުގެ ތެރެއިން، ރާއްޖެއަށް ފައިދާހުރި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މިނިސްޓްރީން ބުނީ ގަމުގައި ބާއްވާ މި ކޮންފަރެންސްގައި ސަރުކާރުގެ އިސްވެރިންނާއި، ދާއިރާގެ ތަޖުރިބާކާރުންނާއި، ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވެ، ކުނި މެނޭޖްކުރުމުގެ ރޭވުންތައް ވަރުގަދަކޮށް، ދެމެހެއްޓެނިވި ރާއްޖެއަކަށް ކުރިއެރުން ހޯދުމަށް މަޝްވަރާކުރާނެ ކަމަށެވެ.




