މަސްތުވާތަކެތި ބޭނުންކޮށް އެ ގެންގުޅުނު ކަމުގެ ތުހުމަތުގައި ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.
ކޯޓު އަމުރުން އެނގޭގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ 42 އަހަރުގެ ފިރިހެނެކެވެ.
މި މައްސަލައިގައި ކޯޓުގައި ފުލުހުން ބުނީ، އޭނާ ވައްޓާލި އެއްޗެއް ނަގައި ބެލިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ސެލޯފިން ކޮޅެއް އޭގެ ތެރެއިން ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ފައްސި ވެފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
ކޯޓުގައި އޭނާ ބުނީ އެއީ އެންޑީއޭގެ ވަޒީފާގައި އުޅޭ މީހެއް ކަމަށާއި އަދި ކުޑަކުދިންތަކެއްގެ ބައްޕައެއް ކަމަށާއި ވަކީލެއްގެ ފުރުސަތު ބޭނުންވާ ކަމަށެވެ.
ކޯޓު އަމުރުގައި ބުނީ ފަސް ދުވަހަށް އޭނާ ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާތީ ކަމަށެވެ.
އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.



