ރަށާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާޙުތައް ކޮމިޓީން ފާސްކޮށްފިއެވެ.
މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހެވެ.
އަތޮޅު ކައުންސިލްތައް އުވާލާ ރަށާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދަށް ބަދަލު ގެނައުމަށް ހުށަހެޅި އިސްލާހު ފާސްކުރީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ޤާނޫނާއި ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް އިސްލާޙު ގެނައުމަށް ހުށަހެޅި ބިލުތައް ދިރާސާ ކުރުމަށް މަޖިލީހުން އެކުލަވައިލި ވަގުތީ ކޮމިޓީންނެވެ.
މިގޮތުން އެ ބިލު ފާސްކުރުމަށް ވަގުތީ ކޮމިޓީން ނިންމީ، ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ރަށާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދަށް ބަދަލު ގެނައުމަށް ހުށަހެޅި އިސްލާހުގައި ވަނީ 2000އަށް ވުރެ ބޮޑު އާބާދީގެ ރަށްރަށުން ފަސް ކައުންސިލަރުން އިންތިހާބުކުރާ ގޮތަށެވެ. އަދި 2000އަށްވުރެ ކުޑަ އާބާދީގެ ރަށްރަށުން ތިން ކައުންސިލަރުންނެވެ.
މިހާރު އޮތީ ގައުމާ ނުބައްދަލު އެތައް ބިލިއަން ރުފިޔާއެއް ހޭދަވާ ލާމަރުކަޒީ ނިޒާމެއްކަން ހާމަކޮށް ކައުންސިލަރުންގެ އަދަދު މަދުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.




