ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަންޕާ) ސަރަޙައްދަށް ފަތުރުވެރިން ގެންދިއުމަށް ސަންޕާ ގައިޑް ސެޓްފިކެޓް 440 ފަރާތަކަށް ދޫކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ ސަރުކާރަށް 2 އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން ’ހަފުތާ 104‘ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޙިމާޔަތްކޮށްފައި ހުރި ސަރަހައްދުތައް ބެލެހެއްޓުމަކީ އެ މިނިސްޓްރީގެ ދަށުން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.
މިގޮތުން އޭގެތެރެއިން ސަންޕާ ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
”ސަންޕާ ރީޖަން ސަރަހައްދައް ދާ ފަތުރުވެރިންގެ ރައްކާތެރިކަމާއި، ޙިމާޔަތް ދިނުމަކީ މުހިންމު ކަމަކަށްވާތީ، ރޭންޖަރ ސަރވިސްއެއް ވަނީ ފައްޓާފައި“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ސަރަހައްދަށް ފަތުރުވެރިން ގެންދާ ފަރާތްތައް ނުވަތަ ސަންޕާ ގައިޑުން ތަމްރީން ކުރުމަށް ކުރި މަސައްކަތުން މިހާތަނަށް 530 އަށްވުރެ ގިނަ ފަރާތް ބައިވެރިވެ އެ ބޭފުޅުން ޓްރެއިންކޮށް އަދި 440 ފަރާތެއް ސަންޕާ ގައިޑްގެ އިމްތިހާން ހަދައި ފާސްވެފައިވާ ކަމަށެވެ.




