ޑިޖިޓަލް ޕްލެޓްފޯމްތަކަކީ، އަންހެން ކުދިންނާއި އަންހެނުންނަށް ރައްކާތެރި ތަނަކަށް ހަދަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަޤުވާމީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެކްސްގައި އެކަމަނާ ޙިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ، އަނިޔާ ލިބޭ ކޮންމެ އަންހެން ކުއްޖަކާއި އަންހެނެއްގެ ހައްޤުގައި ވަކާލާތު ކުރާ ކަމަށެވެ.
އަދި މިއަދުގެ މި ދުނިޔޭގައިވެސް ތަފާތުކުރުންތަކާއި، އަނިޔާއާއި އެކިކަހަލަ ގަނާގެ ޝިކާރައަކަށް އަންހެނުން ވަމުންދާކަމީ އެކަމާމެދު ވިސްނާ، ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ، އިންޓަނެޓާއި ޑިޖިޓަލް ޕްލެޓްފޯމްތައް ވާންވާނީ، އަންހެނުން ބާރުވެރިކުރުމަށް ބޭނުންކުރާ ޕްލެޓްފޯމަކަށް ކަމަށާއި، އަންހެނުންނަށް ގޯނާ ކުރުމާއި ދެކޮޅަށް ތެދުވެ އަޑު އުފުލުމަށް ބޭނުންކުރާ ޕްލެޓްފޯމަކަށް ކަމަށެވެ.
ހަމައެހެންމެ މިކަމުގައި އެންމެން އެކުގައި މަސައްކަތްކޮށް، ޑިޖިޓަލް ޕްލެޓްފޯމްތަކަކީ، އަންހެން ކުދިންނާއި އަންހެނުންނަށް ރައްކާތެރި މާޙައުލަކަށް ހަދަންޖެހޭ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.
މީގެއިތުރުން ކޮންމެ އަންހެނަކަށްވެސް ކަރާމާތްތެރިކަމާއި، ރައްކާތެރިކަމާއި އަދި ޙުދޫދުގެ ތެރެއިން މިނިވަންކަމާއިއެކު ދިރިއުޅެވޭނެ މަގު ފަހިކޮށްދެންޖެހޭ ކަމަށްވެސް މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.




