ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅިބަޖެޓަށް އުނިއިތުރެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅީ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
އެގޮތުން ބަޖެޓް ދިރާސާ ކުރާ ކޮމިޓީން ފާސްކޮށްފައިވާ ގޮތަށް އަންނަ އަހަރަށް 64.2 ބިލިޔަން ރުފިޔާގެ ބަޖެޓު ފާސްކޮށްފައި ވަނީ 74 މެންބަރުންގެ ވޯޓުންނެވެ. އަދި ބަޖެޓާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ޚަރަދުގެ ގޮތުގައި ހިނގާނީ، 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ، ރިކަރަންޓް ޚަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާއެވެ.
އަންނަ އަހަރު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 40.4 ބިލިޔަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު، ބަޖެޓުގެ ބޮޑުބައެއް ވަނީ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް ޚާއްސަކޮށްފައެވެ. މިކަމަށް އެކަނި 9.3 ބިލިޔަން ރުފިޔާ ހިމަނާފައިވާއިރު، މި ޚަރަދު ކެނޑުމަށްފަހު އަންނަ އަހަރުގެ ބަޖެޓަކީ 55 ބިލިޔަން ރުފިޔާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.


