މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އާ އަލަށް ގުޅުނު ސިފައިން އަސާސީ ތަމްރީން ކޯސް ފުރިހަމަކޮށް ރަސްމީކޮށް ސިފައިންގެ ޚިދުމަތަށް ނިކުމެއްޖެއެވެ.
އަލަށް ގުޅޭ ފަރާތްތައް ތަމްރީނުކުރުމަށް ހިންގާ އަސާސީ ކޯސް ފުރިހަމަކޮށް ޚިދުމަތާއި ގުޅިފައިވަނީ 98 މީހުންނެވެ. އެއީ 89 ފިރިހެނުންނާއި 9 އަންހެނުންނެވެ.
އިއްޔެ ހަވީރު ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި ބޭއްވި 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މަޢުމޫންއެވެ. ޣައްސާން މަޢުމޫން ވަނީ ލަޝްކަރު ބަލާފާސް ކޮށްދެއްވުމަށްފަހު، ކޯހުން ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވާފަ އެވެ.
މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ސިފައިންގެ ޢަޒުމް ލައިދެއްވީ، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، ކާނަލް އިބްރާހީމް އަޝްރަފެވެ.
ސިފައިންގެ 70 ވަނަ އަސާސީ ތަމްރީން ކޯހުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑް ޕްރައިވެޓް ހަމްނާ ރަޝީދު، ހެވިކަމަށް އެންމެ މޮޅު ދަރިވަރުގެ އެވޯޑް، ޕްރައިވެޓް އިޝްޙާޤް ޝަރީފް ހާސިލުކޮށްފައިވާއިރު، ހަށިހެޔޮކަމުން އެއްވަނަ ދަރިވަރުގެ އެވޯޑް ހާސިލުކޮށްފައިވަނީ ޕްރައިވެޓް އައިހަމް ޢަލީ އެވެ. އަމާޒަށް ބަޑިޖެހުމުން އެންމެ މޮޅު ދަރިވަރުގެ އެވޯޑް، ޕްރައިވެޓް މުޙައްމަދު ރިޝްފާން ހާސިލުކޮށްފައިވާއިރު، މަޒުމޫން ލިޔުމުގެ މުބާރާތުން އެއްވަނަ ދަރިވަރުގެ އެވޯޑް ހާސިލުކޮށްފައިވަނީ ޕްރައިވެޓް ޢުލްވިއްޔާ އަޙްމަދު އެވެ.
މުޅި ކޯހުން އެއްވަނަ ޕްލެޓޫނަަކަށް ހޮވިފައިވަނީ ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ ފޯތު ޕްލެޓޫނެވެ. ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ، ފަސްޓް ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް ޢަބްދުﷲ ހާޝިމް އަޙްމަދު ހޮވިފައިވާއިރު، ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ، ސެކަންޑް ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް ޙުސައިން އައިހަމް މޫސާ އެވެ.
އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބި ކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާ އެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.
އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 2023 އޮކްޓޫބަރު 28 އިން ފެށިގެން ފަސް މަސް ދުވަހުގެ މުއްދަތަށް ހިންގި މި ކޯހުގެ ތަމްރީނުތައް ކުރިއަށްގެންދިޔައީ ޅ.މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގައެވެ.



