ޑްރަގުގެ ވިޔަފާރި ހުއްޓުވަން މި މަހުގެ 13 ވަނަ ދުވަހު ފުލުހުން ހިންގި ބޮޑު އޮޕަރޭޝަން ”އޮޕަރޭޝަން އަލިމަގު“ގައި ހައްޔަރުކުރި 119 މީހުންގެ ތެރެއިން 61 މީހަކު ޑްރަގަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ އެ އޮޕަރޭޝަނުގެ މައުލޫމާތު ދޭން އިސްކަންދަރު ކޮށީގައި މިހާރު ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ނާއިފް އެވެ.
ނާއިފް ވިދާޅުވީ އެ އޮޕަރޭޝަންގައި 119 މީހަކު ހައްޔަރުކުރިކަމަށާއި އޭގެތެރެއިން 61 މީހުންގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ފައްސިވެފައިވާއިރު 38 މީހަކު ކޯޓަށް ހާޒިރުކޮށް މުއްދަތު ޖަހާފައިވާ ކަމަށެވެ.
އޮޕަރޭޝަން އަލިމަގުގައި 105 ތަނެއް ބަލައި ފާސްކޮށް 29.6 ކިލޯގެ ޑްރަގް ހޯދި ކަމަށް ނާއިފް ވިދާޅުވިއެވެ.
އޮޕަރޭޝަން އަލިމަގަކީ ޑްރަގް ވިޔަފާރި ކުރާ ފަރާތްތަކާ ދެކޮޅަށް މި މަހުގެ 13 ވަނަ ދުވަހު ހެނދުނު މުޅި ރާއްޖެއަށް ނިސްބަތްވާ ގޮތަށް ފެށި ބޮޑު އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 500 ފުލުހުން ބައިވެރިވެފައިވާ ކަމަށް ވެސް ފުލުހުން އޭރު ބުނެފައި ވެއެވެ. އަދި އެ އޮޕަރޭޝަނުގައި އެއްވަގުތެއްގައި 100 ތަން ފުލުހުން ބަލައިފާސްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެެއެވެ.



