ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަޙްލޫފު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އެހެންކަމުން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް މަޙްލޫފު އައްޔަން ކުރުމަށްޓަކައި، އޭނާގެ ނަން ދިރާސާ ކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު އެމްޑީޕީއިން ވަކިވި މަހުލޫފް ވަނީ މި މަހުގެ 15 ވަނަ ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ”ދިވެހިންގެ ރާއްޖެ“ ޖަލްސާގައި ޕީއެންސީއަށް ސޮއިކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފޯމު ހަވާލުކުރައްވާފައެވެ.
އެ ޕާޓީއާ ގުޅިވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުއާއި ޕާޓީގެ އެންމެހާ މެންބަރުން ދެއްވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވާ އޭނާގެ މަސައްކަތް ބަލައިގަނެ އަގުވަޒަންކޮށް ދައުވަތު ދެއްވީތީ ވަރަށް އުފާކުރައްވާ ކަމަށްވެސް ޕީއެންސީއަށް ސޮއި ކުރެއްވުމަށްފަހު މަހުލޫފް ވިދާޅުވިއެވެ.
އަދި މި ނިންމުމަށް ހިތްހަމަނުޖެހުނު ފަރާތްތަކުން މަޢާފަށް އެދި، މަރުހަބާ ވިދާޅުވި އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވާކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.



