ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ފްލީޓް ރިވިއު (އައިއެފްއާރް2025)ގައި ބައިވެރިވުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ ސްރީލަންކާއަށް ފުރައިފިއެވެ.
އެމްއެންޑީއެފުން ބުނީ އެ ފްލީޓް ބާއްވަނީ ސްރީލަންކާގެ ނޭވީއަށް 75އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މި މަހުގެ 27 އިން 30 އަށް ކަމަށެވެ.
އެ ފްލީޓް ރިވިއުގެ ހަރަކާތްތައް ކުރިއަށްދާނީ ސްރީލަންކާގެ ވެރިރަށް، ކޮލޮމްބޯއާއި ޓްރިންކޮމަލީގައެވެ.
އެމްއެންޑީއެފުން ބުނ އެ ފްލީޓް ރިވިއުގައި ދުނިޔޭގެ 20 ގައުމެއްގެ ނޭވީން ބައިވެރިވާނެ ކަމަށެވެ.
”އޭގެ ތެރޭގައި ދިވެހިރާއްޖެއާއި ސްރީލަންކާގެ އިތުރުން، އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، މެލޭޝިއާ، އިންޑޮނޭޝިއާ، އިޓަލީ، ރަޝިއާ ފަދަ ގައުުމުތަކުގެ ކަނޑުގެ އުޅަނދުތަކާއި ވަފުދުތައް ހިމެނޭ“ އެމްއެންޑީއެފު ބުނެފައި ވެއެވެ.
އެ ހަރަކާތްތަކުގެ ތެރޭގައި އޮޕަރޭޝަނަލް ޑެމޮންސްޓްރޭޝަންތަކާއި، ގައުމުތަކުގެ ސަގާފީ ހަރަކާތްތަކާއި އަދި ޕްރޮފެޝަނަލް އިންޓަރެކްޝަންތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، އޭގެތެރޭގައި ގޮނޑުދޮށް ސާފުކުރުމާއި، ކުޅިވަރުގެ ހަރަކާތްތަކާއި، ސަގާފީ އަދި އަސްކަރީ ބޭންޑުތަކުގެ ހުށަހެޅުންތަކާއި، ފުޑް ގާލާގެ އިތުރުން ސިޓީ ޕެރޭޑް އަދި ޝިޕްތަކަށް ޒިޔާރަތްކުރުން ފަދަ ހަރަކާތްތައް ކުރިއަށްދާނެއެވެ.



