މާލެ ވޮކޭޝަނަލް ހައި ސްކޫލުގެ ފުރަތަމަ ބެޗްގެ ކިޔެވުން ފަށައިފިއެވެ.
މަތީ ސާނަވީގެ ވޮކޭޝަނަލް ޕާތްވޭއަކީ ސަރުކާރުން މުޅިން އަލަށް ތަޢާރަފުކުރި ދާއިރާއެކެވެ.
މަތީ ސާނަވީގެ ވޮކޭޝަނަލް ޕާތްވޭއަކީ، ޢިލްމީ ހުނަރުވެރި ޒުވާން ޤާބިލު ސިކުނޑިތަކެއް ތަރައްޤީކުރުމަށް ސަރުކާރުން ފެށި ވަރަށް ބޮޑު، މުހިންމު މަސައްކަތެކެވެ.
އެގޮތުން މަތީ ސާނަވީގެ ވޮކޭޝަނަލް ޕާތްވޭ ތައާރަފްކުރުމަށް ޕޮލިޓެކްނިކްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާޢީލް ޝަފީޢުއެވެ.
މި ސްކޫލްގެ ކިޔެވުން ގެންދަނީ ސަރުކާރު ސްކޫލެއްގެ ގޮތުގައި އައު ލޯގޯއަކާއެކު މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަށުންނެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ އޭ ލެވެލްއަށް ކިޔަވައިދޭ ރަސްމީ އޮނިގަނޑުގެ ދަށުންނެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ.އިސްމާޢީލް ޝަފީއު ވިދާޅުވީ މިއީ އޯލެވެލް ނިންމާ، ކުރިއަށްދާން މަގެއް ނުފެނި ތިބި އެތައް ދަރިވަރުންތަކަކަށް ފުރުޞަތު ފަހިކޮށްދީ، ހުނަރުވެރި ޖީލެއް ބިނާކުރަން ސަރުކާރުން އެޅުއްވި ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ.
”މަތީ ސާނަވީގެ ފުރުޞަތު ވަރަށް ބޮޑަށް ފުޅާވެގެން މި ދިޔައީ. ވޮކޭޝަނަލް ހައި ސްކޫލްގެ ނަމުގައި އާ ސްކޫލެއް އެސްޓޭބްލިޝްކުރެވި މި ފެށިގެންދިޔައީ“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ސްކޫލްގެ ފުރަތަމަ ބެޗުގައި ހިމެނެނީ 60 ކުދިން ކަމަށެވެ.
އަދި ކުރިމަގުގައި ވޮކޭޝަނަލް ޕާތްވޭއިން 500 ކުދިންނަށް ފުރުޞަތު ދިނުމަކީ ޢަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީން ވިދާޅުވީ އެ 60 ކުދިން 5 ޕްރޮގްރާމަކުން ތަމްރީންވާނެ ކަމަށެވެ.
”އެއީ ފޮޓޯގްރަފީ، އައިޓީ، އަރކިޓެކްޗަރ، އިލެކްޓްރިކަލް އިންޖިއަރިން އަދި ސްމޯލް ބިޒްނަސް މެނޭޖްމަންޓް.“ ޒޫޝާން ވިދާޅުވިއެވެ.



