ރަށާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާޙުތައް މަޖިލީހުން ފާސްކޮށްފިއެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއިން މި ބިލް ފާސްކުރަން ޖަލްސާގައި ތިއްބެވި 66 މެންބަރުންގެ ތެރެއިން 54 މެންބަރަކު ވޯޓު ދެއްވި އިރު އިދިކޮޅު އެމްޑީޕީގެ 11 މެންބަރުން ވޯޓު ދެއްވީ ބިލް ފާސް ނުކުރުމަށެވެ.
އަތޮޅު ކައުންސިލްތައް އުވާލާ ރަށާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދަށް ބަދަލު ގެނައުމަށް ހުށަހެޅި އިސްލާހުގައި ވަނީ 2000އަށް ވުރެ ބޮޑު އާބާދީގެ ރަށްރަށުން ފަސް ކައުންސިލަރުން އިންތިހާބުކުރާ ގޮތަށެވެ. އަދި 2000އަށްވުރެ ކުޑަ އާބާދީގެ ރަށްރަށުން ތިން ކައުންސިލަރުންނެވެ.
މިހާރު އޮތީ ގައުމާ ނުބައްދަލު އެތައް ބިލިއަން ރުފިޔާއެއް ހޭދަވާ ލާމަރުކަޒީ ނިޒާމެއްކަން ހާމަކޮށް ކައުންސިލަރުންގެ އަދަދު މަދުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.



