ނުކުޅެދުންތެރިކަން ހުންނަ 4 ފަރާތްތަކަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދީފިއެވެ.
އެ ވަޒީފާގެ ފުރުސަތު ހަމަޖައްސައި ދީފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އިޖުތުމާއީ ތަަރަައްގީ އާއި އާއިލާއާ ބެހޭ ވުޒާރާ އާއި އާރްޑީސީ ގުޅިގެން ކުރިއަށް ގެންދިޔަ އިންޓާންޝިޕް ޕްރޮގްރާމުގެ ދެވަނަ ބެޗު ކާމިޔާބުކަމާއެކު ފުރިހަމަކުރި ހަތަރު ފަރާތަކަށެވެ.
އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ 6 މަސް ދުވަހުގެ މުއްދަތަކަށެވެ.
އާރްޑީސީން ބުނީ އެ ޕްރޮގްރާމުގެ މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ ޢަމަލީ ތަޖުރިބާހޯދުމާއި، މަސައްކަތުގެ މައިދާނަށް ތައްޔާރުވުމަށް ބޭނުންވާނެ އެކި ހުނަރުތައް ތަރައްޤީކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށެވެ.
އެ އިންޓާންޝިޕްގެ ފުރަތަމަ ބެޗްގައި ބައިވެރިވެ ޕްރޮގްރާމު ފުރިހަމަ ކުރި އެއް ފަރާތަކަށް އާރްޑީސީން ވަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާ އަދާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ވަޢުދުފުޅެކެވެ. މިކަމަށް ޚާއްސަ އަޙައްމިޔަތުކަމެއް ދީގެން މި ވުޒާރާއިން ދަނީ އެފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިގޮތުން، މި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީން ދަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދީ، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި، ރިސޯޓުތަކާއެކުވެސް މަސައްކަތްކުރަމުންނެވެ.
ހަމައެހެންމެ، މި މަސައްކަތުގެ ދަށުން ކެއަރ ސޮސައިޓީއާއި އެ މިނިސްޓްރީއާ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މާޙައުލަށް ނުކުތުމަށް ބޭނުންވާ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށް ގެންދެވޭ ’ޖޮބް ރެޑިނަސް‘ ޕްރޮގްރާމުގެ ދަށުން 2 ބެޗެއްވެސް ވަނީ މިހާތަނަށް ތަމްރީނުކުރެވިފައެވެ.



