ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި މިނިވަންކަމާއެކު ވާހަކަ ދެއްކުމުގެ ފުރުޞަތު އޮންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވީ ރައީސް މުއިއްޒު ރައްޔިތުންނާއެކު ބާއްވަވާ ބައްދަލުކުރެއްވުންތަކުގެ ކުރިން ސުވާލާއި ހިޔާލު ހުށަހަޅަން ޖެހޭ ކަމަށްބުނެ ފަތުރަމުން އަންނަ ވާހަކަތަކާއި ގުޅިގެންނެވެ.
އެގޮތުން މިކަމަށް އިޝާރާތްކޮށް އެކްސްގައި ހީނާ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެ ބައްދަލުވުމުގެ ކުރިން ސުވާލު ނުވަތަ ޚިޔާލު ހުށައަޅަންޖެހޭކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.
މީގެ ކުރިން ބޭއްވުނު މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅެއްގެ ޚިޔާލާއި ކަންބޮޑުވާކަންކަމާއިބެހޭގޮތުން މިނިވަންކަމާއެކު އެބޭފުޅަކު ދައްކަވަން ބޭނުންފުޅުވާ ވާހަކައެއް ދެއްކެވުމުގެ ފުރުޞަތު ރައީސް ދެއްވާފައިވާކަން ހީނާގެ ޕޯސްޓުގައި ވަނީ ފާހަގަކުރައްވާފައެވެ.
އަދި ކުރިއަށްހުރި ބައްދަލުވުންތަކުގައިވެސް ޢަމަލުކުރައްވާނީ އެއުޞޫލުން ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން އެއްވެސް ބޭފުޅަކު ދުރާލާ ސުވާލު ނުވަތަ ޚިޔާލު އެއްވެސް ފަރާތަކާ ޙިއްސާ ކުރަން ނުޖެހޭނެ ކަމަށް ހީނާ ވިދާޅުވިއެވެ.




