ހޮންކޮންގައި އުސް އިމާރާތެއްގައި އަލިފާންރޯވެ ހިނގި ހާދިސާގައި މަރުވި މީހުންގެ އަދަދު 94 އަށް އަރައިފިއެވެ.
އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ ބުދަ ދުވަހު ހޮންކޮންގެ ޓާއޯ ޕޯ ޑިސްޓްރިކްޓުގައި ހުންނަ އެޕާޓްމަންޓް ބިލްޑިންގައެވެ.
ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފު ނުވި ނަމަވެސް، ރޯވި އަލިފާން ގަނޑުގައި ހަތް ޓަވަރު ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.
ހޮންކޮންގްގެ ފަޔަރ ޑިޕާޓްމެންޓުން ބުނީ މި ހާދިސާގައި 94 މީހުން މަރުވެ، 76 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އަދި އެ އަދަދުތައް އިތުރުވާނެ ކަމަށް އެ ޑިޕާޓްމަންޓް އިން ވަނީ ލަފާ ކޮށްފައެވެ.
މީގެ އިތުރުން ގެއްލިގެން ހޯދަމުން އަންނަ މީހުންގެ އަދަދު 24 ގަޑިއިރު ހަމަވިއިރު 279 އަށް ވަނީ އަރާފައެވެ.
މި ހާދިސާގެ ޒިންމާ ނަގަންޖެހޭނީ ކޮންބައެއްތޯ ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. މި ހާދިސާއާ ގުޅިގެން އެ އިމާރާތްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތުގައި ހަރަކާތްތެރިވާ ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މިއީ 1948 ވަނަ އަހަރު ހޮންކޮންގެ ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 176 މީހުން މަރުވި ފަހުން ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ



