އޭޝިއާ ސަރަަހައްދުގެ ގައުމުތަކަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ސްރީލަންކާ، އިންޑޮނޭޝިއާ އަދި ތައިލެންޑަށް ބޯކޮށް ވާރޭވެހި ހިނގި ހާދިސާތަކުގައި ގިނަ ބަޔަކު މަރުވެއްޖެއެވެ.
މިދިޔަ ހަފްތާގައި ސްރީލަންކާއަށް މޫސުން ގޯސްވާން ފެށިއިރު، ބުރާސްފަތި ދުވަހު ސްރީލަންކާއަށް ބޯކޮށް ވާރޭވެހި ގެދޮރާއި ދަނޑުތަކާއި މަގުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ.
ފާއިތުވި ދެ ދުވަހުގެ ތެރޭގައި ސްރީ ލަންކާއަށް 300 މިލިމީޓަރުގެ ވާރޭ ވެހި، ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 56 އަށް އަރާފައިވާއިރު، 600 އަށް ވުރެ ގިނަ ގެތަކަށް ވަނީ ގެއްލުން ލިބިފައެވެ. ރިޕޯޓުތައް ބުނާގޮތުން މިއީ އެ ޤައުމަށް މިހާތަނަށް އެހާ ކުރު މުއްދަތެއްގެ ތެރޭގައި ވާރޭ ވެހިފައިވާ އެންމެ ގިނަ މިންވަރެވެ.
އެ ގައުމުގެ މޫސުމާބެހޭ އިދާރާއިން ވަނީ ރަތް ސަމާލުނެރެ މޫސުން ވަރަށް ގޯސް ކަމުގެ އިންޒާރު ދީފައެވެ. އެހެންކަމުން ބައެއް ސަރަހައްދުތަކުގެ އާންމު ދަތުރުފަތުރުތައް ހުއްޓާލާ މަގުތައްވަނީ ބަންދުކޮށްފައެވެ.
މީގެ އިތުރުން އިންޑޮނޭޝިޔާގެ ސުމަޓްރާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެންގޮސް ކޯރުތައް ބަންޑުންވެ، އެ ހާދިސާތަކުގައި 90 މީހުން ވަނީ މަރުވެފައެވެ. އަދި އެ ހާދިސާތަކުގައި އެތައް ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.
ހަމައެހެންމެ ތައިލެންޑްގެ ހަޓް ޔާއީ ޑިސްޓްރިކްޓަށް ހުކުރު ދުވަހު 335 މިލިމީޓަރު ވާރޭ ވެހިފައިވާއިރު، މިއީ ތިން ގަރުނުގެ ތެރޭގައި އެއްދުވަހެއްގައި އެ ސަރަހައްދަށް ރެކޯޑު މިންވަރަކަށް ވާރޭ ވެހުނު ފަހަރެއްކަމަށް ރިޕޯޓުތައް ބުނެއެވެ.

މިގޮތުން ތައިލެންޑްގް ދެކުނުގެ 10 ޕްރޮވިންސަކަށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން 37 މީހުން ވަނީ މަރުވެފައެވެ.



