ހުޅުމާލެ ފޭސް 3 ހިއްކުމުގެ ސްޕީޑް އަވަސް ކުރުމަށް އިތުރު ޑްރެޖަރެއް ގެނެސް، ހިއްކުން އަވަސް ކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އެގޮތުން އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ފެށި މި މަޝްރޫއުގެ ދަށުން މިހާތަނަށް 24 ހެކްޓަރުގެ ބިން ހިއްކުމަށްފަހު ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ ދުވަސްކޮޅަކަށް މަސައްކަތް މަޑުޖައްސާލުމަށްފަހު ހުޅުމާލޭގެ ފޭސް 3ގެ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން އަލުން ފެށީ މި މަހުގެ 10ވަނަ ދުވަހުއެވެ. އަދި އެ މަސައްކަތުގެ ސްޕީޑް ހަލުވި ކުރުމަށްޓަކައި ޑްރަޖަރު ޓީއެސްއެޗްޑީ ޕްރިންސް ޑެރް ނެޑަލޭންޑެން ރާއްޖެގެނެސްފައި ވަނީ މި މަހުގެ 25ވަނަ ދުވަހުއެވެ.

ހުޅުމާލެ ހިއްކުމުގެ ފޭސް ތިނެއްް ހިއްކުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓް (ސީއެމްސީ) އާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް ތިނެއް ހިއްކުމަށް ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކާނެއެވެ.
މި މަސައްކަތް ކުރިއަށްގެންދަނީ ބޮސްކާލިސްގެ 22,000 ސީބީއެމްގެ ޑްރެޖަރެއްގެ އެހީގައެވެ.
ބޯހިޔާވެހިކަމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދުފުޅެވެ. އެހެންކަމުން ބިން ހިއްކުމަށް ފަށާފައިވާ މަސައްކަތްތައް ހަލުވި ކުރުމަށް ބޭނުންވާ އެންމެހާ ކަންކަން ދަނީ، ސަރުކާރުގެ ތެރެއިން ފަހިކޮށްދެމުންނެވެ،



