މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން ގައިދީން އިސްލާހުކޮށް ތަޢުލީމީ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ދެވަނަ ފޭސްގެ ދެ ބެޗް، މާފުށީ ޖަލުގެ އަންހެން ޤައިދީންނަށް ފަށައިފިއެވެ.
މާފުށީ ޖަލުގައި ތިން މަސް ދުވަހަށް ކުރިއަށްދާ ފޭސް 2 ގެ ދެ ބެޗަކީ ބެޗް 9 އާއި 10 އެވެ.
ކަރެކްޝަންސް އިން ބުނީ މި ދެ ބެޗްގައި ޖުމްލަކޮށް 12 ގައިދީން ބައިވެރިވެފައިވާ ކަމަށެވެ.
ފްރޭމްވަރކްގެ ދެވަނަ ފޭސްގައި ކުރިއަށްދާނީ “ސައިކޮލޮޖީ ޕްރޮގްރާމް”ތައް ކަމަށާއި މި ފޭސްގެ މަގްސަދަކީ ޤައިދީންނަކީ ނަފްސާނީ ގޮތުން ވަރުގަދަ ބައެއް ކަމުގައި ހަދައި، އެމީހުން ކުށުގެ ވެށިން ސަލާމަތްކޮށް، އަމިއްލަ ނަފްސަށް އިތުބާރުކުރާ ފަރުދުންތަކެއްގެ ގޮތުގައި މުޖްތަމަޢުއަށް ނެރެދިނުން ކަމަށް ކަރެކްޝަންސް އިން ބުނެފައި ވެއެވެ.
ކަރެކްޝަނަލް ސަރވިސްއިން ބުނީ 4 ފޭސްގެ މައްޗަށް އެކުލެވިގެންވާ ރިހެބިލިޓޭޝަން ފްރޭމްވަރކް ތަޢާރަފްކުރުމުގެ މަގުސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައުއަށް ނުކުންނައިރު އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއްކޮށްގެން ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.



