މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގައުމުތަކަށް ކުރިމަތިވަމުންދާ ނުރައްކާ ބޮޑުވަމުންދާ މިންވަރު ފެންނަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދެކުނު އިރުމަތީ އޭޝިޔާގެ ބައެއް ޤައުމުތަކަށް މިހާރުވމޫސުން ގޯސްވެ ހިނގަމުން އަންނަ ހާދިސާތަކަށް އިޝާރާތްކޮށެވެ.
އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ކުުރިމަތިވަމުންދާ ހިތާމަވެރި ހާދިސާތަކަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ނުރައްކާތައް ބޮޑުވަމުންދާ މިންވަރު އަންގައިދޭ ކަންކަމަށެވެ.
އެގޮތުން ތައިލެންޑު، ވިއެޓްނާމް އަދި އިންޑޮނޭޝިޔާގައި މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވި ހާދިސާތަކުގައި ބަޔަކު މަރުވެ، ލިބުނު ގެއްލުންތަކާއި ގުޅިގެން ދިވެހި ސަރުކާރުން ހިތާމަ ފާޅުކުރައްވާކަމަށްވެސް ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސްގެ ޕޯސްޓުގައި ވަނީ ހޮންކޮންގައި ބަޔަކު ދިރިއުޅޭ އެޕާޓްމަންޓް ކޮމްޕްލެކްސެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެތައް ބަޔަކު މަރުވުމާއި ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ތައުޒިޔާ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ މި ހާދިސާގައި އެކި ގޮތްގޮތުން ގެއްލުން ލިބުނު ފަރާތްތަކާއެކު ކަމަށާއި މީހުންގެ ސަލާމާތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންގެ ހިތްވަރުގަދަކަން ފާހަގަކުރައްވައި، އެ ފަރާތްތަކުގެ މަސައްކަތަށް ރައީސް ވަނީ ތައުރީފްކުރައްވާފައެވެ.
ހޮންކޮންގެ އިމާރާތުގައި ރޯވެ ހިނގި ހާދިސާގައި ވަނީ 100 އަށްވުރެ ގިނަ މީހުން މަރުވެފައެވެ.
ފާއިތުވި ދެ ދުވަހުގެ ތެރޭގައި ސްރީ ލަންކާއަށް 300 މިލިމީޓަރުގެ ވާރޭ ވެހި، ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 56 އަށް އަރާފައިވާއިރު، 600 އަށް ވުރެ ގިނަ ގެތަކަށް ވަނީ ގެއްލުން ލިބިފައެވެ.
އަދި ތައިލެންޑްގެ ހަޓް ޔާއީ ޑިސްޓްރިކްޓަށް ހުކުރު ދުވަހު 335 މިލިމީޓަރު ވާރޭ ވެހިފައިވާއިރު ތައިލެންޑްގް ދެކުނުގެ 10 ޕްރޮވިންސަކަށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން 37 މީހުން ވަނީ މަރުވެފައެވެ.
މީގެ އިތުރުން އިންޑޮނޭޝިޔާގެ ސުމަޓްރާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެންގޮސް ކޯރުތައް ބަންޑުންވެ، އެ ހާދިސާތަކުގައި 90 މީހުން މަރުވެ، އެތައް ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.


