ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި ޤާއިމްކޮށްފައިވާ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުވައިފިއެވެ.
މި ގޮފި ހުޅުވައިދެއްވީ މިރޭ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ. މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ވެރިން އަދި ކައުންސިލްގެ ބޭފުޅުން ބައިވެރިވެލައްވާފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ސެންޓަރުގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން ހިންގާ ތަފާތު ކޯސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިއަދު ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވުނުއިރު މާލެއިން ބޭރުގައި ޤާއިމްކުރެވުނު ފުރަތަމަ އިސްލާމީ ކުތުބުޚާނާވެސް ވަނީ އެތަނުގައި ޤާއިމްކޮށް ހުޅުވާފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.



