އަންނަ އަހަރުގެ މާޗު މަހު ބާއްވަން ހަމަޖެހިފައިވާ ޕީއެންސީ އިންތިޚާބުގެ ކެމްޕެއިން މެނޭޖަރަކަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެމްޕެއިން މެނޭޖަރަކަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ހަމަޖައްސައިފި އެވެ.
އެ މަގާމަށް ފަލާހު ހަމަޖައްސާފައިވާކަން ހާމަކޮށްފައި ވަނީ ޕީއެންސީން އެކްސްގައި ދެންމެ ކުރި ޕޯސްޓެއްގައެވެ.
“2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ކޮންގްރެސް ޕާޓީގެ ކެމްޕެއިން މެނޭޖަރ އަކީ ކޮންގްރެސް ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރ އިބްރާހިމް ފަލާޙް ކަމުގައި ދަންނަވަން“ ޕީއެންސީން ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.
އަންނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޯމަތިވަމުން އަންނައިރު ކައުންސިލުތަކާއި ޑަބްލިއުޑީސީ ތަކުގެ މެންބަރުންގެ އަދަދު މަދުކުރަން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން ވަނީ ފާސްކޮށްފިއެވެ.



