”ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަމުގެ ބައިނަލްއަގްވާމީ ދުވަސް“ ފާހަގަކުރުމާ ދިމާކޮށް ހޮނިހިރު ދުވަހު ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުގައި ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ އެއްވުންތަކެއް ބާއްވައިފިއެވެ.
ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ ނޮވެމްބަރު މަހެއްގެ 29 ވަނަ ދުވަހެވެ.
އެ ދުވަހާއި ގުޅިގެން އެއްވުން ބޭއްވި ކަންކޮޅުތަކުގެ ތެރޭގައި ފްރާންސް، ގްރީސް، ސްޕެއިން، އިނގިރޭސިވިލާތް އަދި މޮރޮކޯގެ ބޮޑެތި ސިޓީތައް ހިމެނެއެވެ.
އެ އެއްވުންތަކުގެ ބައިވެރިން ވަނީ މަގުތަކާއި މައިދާންތަކަށް ނިކުމެ ފަލަސްތީނުގެ ދިދަތައް އުފުލައި، އިސްރާއީލުން ޣައްޒާގެ ހުޅަނގު އައްސޭރީގައި ނަސްލު ނައްތާލުމަށް އަމާޒުކޮށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ. އެގޮތުން އެއްވުމުގެ ބައިވެރިން ވަނީ ބައިނަލްއަގްވާމީ ގާނޫނުތައް ތަންފީޒުކުރުމާއި، އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ގޮވާލާފައެވެ.
މި ފުޅާ ހަރަކާތް ކުރިއަށް ގެންގޮސްފައި މިވަނީ މިދިޔަ އޮކްޓޯބަރު މަހު ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އިސްރާއީލުން ގަވާއިދާ ހިލާފުވެ ކޮންމެ ދުވަހަކު ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުކުރަމުންދާ ދަނޑިވަޅެެއްގައެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ނަސްލުނެތިކޮށްލުމަށް އިސްރާއީލުން ދެމުން އަންނަ ޢުދުވާނީ ޙަމަލާތަކުގައި ޣައްޒާއިން 69,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށް، 158,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.
އެމެރިކާގެ މެދުވެރިއެއްގެ ދަށުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް މިދިޔަ މަހު އަމަލުކުރަން ފެށި ފަހުންވެސް އިސްރާއީލުން ދަނީ ކޮންމެ ދުވަހަކު ޣައްޒާގެ އާންމުންގެ އެތައް ބަޔަކަށް ހަމަލާ އަމާޒުކޮށް ޝަހީދުކުރަމުންނެވެ.



