ތޫފާން ”ދިތުވާ“ ގައި އަވަށްޓެރި ސްރީލަންކާއަށް ބޮޑެތި ގެއްލުންތަކެއްވެ ގިނަ ބަޔަކު ހާލުގައި ޖެހިފައި ވާތީ އެ ގައުމަށް އެހީވުމަށް ބާއްވާ ”ސިލޯނާއެކު ދިވެހީން“ ޓެލެތޯން ކުރިއަށް ދާއިރު ސްކޭމްތަކަށް ސަމާލުވާން އެދިއްޖެއެވެ.
އެ ޓެލެތޯނަށް ވަޑައިގެން ވާހަކަދައްކަވަމުން ސީނިއާ ސާޖެންޓް އަބްދުﷲ ޝަހުނީޒް ވިދާޅުވީ ސްކޭމަރުން ތިބެނީ ދަނޑިވަޅަކަށް ބަލަބަލާ ކަމަށެވެ. އެގޮތުން މިހާރު ޓެލަތޯން ފެށިގެން ދާއިރު އޭގެ ނާޖައިޒު ފައިދާ ނެގުމަށް ސްކޭމަރުން މަސައްކަތް ކުރަމުންދާނެ ކަމަށް ސާޖެންޓް އަބްދުﷲ ޝަހުނީޒް ވިދާޅުވިއެވެ.
ނަމަވެސް އެފަދަ މައްސަލައެއް މިހާތަނަށް ހުށަހަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސްކޭމަރުން އެ މީހުން ގެންގުޅޭ އުޅުތައް ވެސް ބަދަލުކުރަމުން އަންނަ ކަމަށާއި ފާހަގަކުރެވޭ އެކައުންޓް ނަންބަރެއް ހާއްސަކޮށްފައި އޮންނައިރުވެސް ސޯޝަލް މީޑިއާގެ އެކި އެޕްލިކޭޝަންތައް ބޭނުންކޮށްގެން ސްކޭމް މެސެޖްތައް ދައުރުކުރަމުން ގެންދާ ކަމަށް ސާޖެންޓް އަބްދުﷲ ޝަހުނީޒް ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދުގެ ޓެލެތޯންގެ އެކައުންޓް ނަންބަރު ޕީއެސްއެމް މެދުވެރިކޮށާއި ފުލުހުން މެދުވެރިކޮށް އަދި ބީއެމްއެލް މެދުވެރިކޮށް ކަށަވަރުކުރެވޭނެ ކަމަށް ސާޖެންޓް އަބްދުﷲ ޝަހުނީޒް ވިދާޅުވިއެވެ.
މި ޓެލެތޯނަކީ ލަންކާއަށް އެހީތެރިވުމުގެ ގޮތުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)އިން އިސްނަގައިގެން ބާއްވާ ޓެލެތޯނެކެވެ. 37 މީޑިއާއެކު ކުރިއަށް ގެންދާ މި ޓެލެތޯން މިއަދު 9 ޖެހި އިރު ފަށާފައިވާއިރު މިރޭ މެންދަމު 1:00ޖެހުމާ ހަމައަށް މި ޓެލެތޯން ކުރިއަށް ދާނެއެވެ.
އެގޮތުން މި ޓެލެތޯނަށް ލިބޭ ފައިސާ ޖަމާކުރުމަށް ޚާއްސަ އެކައުންޓުތަކެއްވެސްވަނީ ހަދާފައެވެ.
ޓެލެތޯނަށް ބޭނުން ކުރާ އެކައުންޓް ނަމްބަރުތައް:
ރުފިޔާ އެކައުންޓް ނަން: ސިލޯނާއެކު ދިވެހިން
އެކައުންޓް ނެމްބަރު: 7730000796107
ޑޮލަރު އެކައުންޓް ނަން: ސިލޯނާއެކު ދިވެހިން
އެކައުންޓް ނަމްބަރު: 7730000796106




