އަވަށްޓެރި ސްރިލަންކާއަށް ދިމާވެފައިވާ ކާރިސާގައި ގެއްލުންވަމުންދާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، ދިވެހި މީޑިއާތަކުން ފެށި ޓެލެތޯން އަށް 4 ގަޑިއިރު ތެރޭގައި 5 ލައްކަ އަށް ގިނަ ރުފިޔާ ލިބިއްޖެއެވެ.
”ސިލޯނާއެކު ދިވެހީން“ ގެ ނަމުގައި މިއަދު ހެނދުނު 9 ޖަހާއިރު ފެށި ޓެލެތޯން އަށް މެންދުރު 13:00 ގެ ނިޔަލަށް 567،290 ރުފިޔާ އަދި 345 ޑޮލަރު ލިބިފައިވާ ކަމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ވަނީ ހާމަކޮށްފައެވެ.
މި ޓެލެތޯނުގައި މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއްވަނީ ހަމަޖައްސާފައެވެ.
ޕީއެސްއެމް އިން ބުނީ މި ޓެލެތޯނަށް ކިއުއާރު ކޯޑް ސްކޭންކޮށްގެން ފަސޭހައިން ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ނަގުދު ފައިސާ، ޓްރާންސްފަރ އާއި ބޭންކް ޗެކް މެދުވެރިކޮށްވެސް މިޓެލެތޯނަށް ފައިސާ ޖަމާކުރެވޭނެ ކަމަށް ޕީއެސްއެމްއިން ބުނެފައިވެއެވެ.
ދައުލަތުގެ މީޑިއާއިން ބުނިގޮތުގައި، ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިންނާ އެންމެގާތް ގުޅުމެއް އޮންނަ އަދި އެންމެ ކައިރީގައިވާ އަވައްޓެރި ގައުމެވެ. އެހެންކަމުން އެޤައުމަށް ކުރިމަތިވެފައިވާ ހިތާމަވެރި ހާލަތުގައި ދިވެހިންގެ ފަރާތުން ދެވެން އޮތް އެހީތެރިކަމެއް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި ޕީއެސްއެމުން ދެކެއެވެ.
މި ޓެލެތޯނުގައި ޖަމިއްޔާ ޖަމާއަތްތަކާއި ކްލަބްތަކުގެ އިތުރުން އޮފީސްތަކަށްވެސް ބައިވެރިވެވޭނެ ކަމަށް ޕީއެސްއެމުން ބުނެފައިވެއެވެ.
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 200 އެއްހާ މީހުން ވަނީ މަރުވެފައެވެ.
މީގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގެ ސަބަބުން 3،000 ގެއެއް ހަލާކުވެފައިވާއިރު، 18،000 އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ. މިހާރު ލަންކާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.


