އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް، ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ބާއްވާ އެ ޕާޓީގެ ޕްރައިމަރީ އިންތިހާބު ވެގެންދާނީ މިވަގުތު ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޕްރައިމަރީއަށް ކަމުގައި އެ ޕާޓީގެ ޕާލަމަންޓަރީ ގްރޫޕް ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
މެންބަރު ފަލާހް މިހެން ވިދާޅުވީ، އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓިގައި ވާދަކުރުމަށްޓަަކައި، އެ ޕާޓީގެ ޕަރައިމަރީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ޕީއެންސީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީކަން ފާހަގަ ކުރައްވަމުން ފަލާހް ވިދާޅުވީ މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ޕްރައިމަރީ ކަމަށެވެ.
”ޕީއެންސީގައި މިވަގުތު ގާތްގަނޑަކަށް 69،000 މެންބަރުން އެބަތިބި. އެހެންކަމުން މި ޕާޓީގެ ފަރާތުން ބާއްވާ ޕްރައިމަރީ އިންތިހާބު ވެގެންދާނީ މިވަގުތު ބޭއްވޭ އެންމެ ބޮޑު ޕްރައިމަރީއަށް“ މެންބަރު ފަލާހު ވިދާޅުވިއެވެ.
ަަސަރުކާރު ހިންގާ ޕީއެންސީގެ ޕްރައިމަރީ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވަނީ މާދަމާއިން ފެށިގެން އަންނަ މަހުގެ 15 އާ ހަމައަށެވެ.
”މިވަގުތުގެ ތެރޭގައި މި ޕާޓީގައި ހިމެނިވަޑައިނުގަންނަވާ މެންބަރުން، ނުވަތަ ޕީއެންސީއާ އަލަށް ގުޅިވަޑައިގަންނަވާ ބޭފުޅުންނަށް ވެސް، ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ. އެހެންނަމަވެސް ޕީއެންސީގެ މެންބަރަކަށްވުމަށް އެބޭފުޅަކު އިލެކްޝަންސް ކޮމިޝަނަށް ޖެހޭނެ ފޯމު ހުށަހަޅުއްވަން. އެގޮތުގެ މަތިން ޑިސެމްބަރު 15 ވަނަ ދުވަހާ ހަމައަށް އެ ފުރުސަތު އޮންނާނެ“ ފަލާހް ވިދާޅުވިއެވެ.
ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އެ ޕާޓީގެ ވެބްސައިޓު މެދުވެރިކޮށް، އެކަމަށް އެދި އޮންލައިންކޮށް ހުށަހެޅޭނެ ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.



