ސިލޯނާއެކު ދިވެހީން ޓެލެތޯނަށް ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް)ގެ ފަރާތުން 25،000 ޑޮލަރު ހަދިޔާ ކޮށްފިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އެ ފައިސާ ޓެލެތޯނަށް ހަވާލުކޮށްދެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފެވެ.
އަދި އެ ފައިސާއާ ހަވާލުވެވަޑައިގެންނެވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ޔާމީން ރަޝީދެވެ.
އެހީ ހަވާލުކުރެއްވުމަށްފަހު ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ލަންކާއަކީ ރާއްޖެއާއެކު ވިޔަފާރީގެ ގުޅުން ވަރަށް ބޮޑަށް ގާއިމުކުރެވިފައިވާ ޤައުމެއް ކަމަށެވެ.
އަދި އެ ބޭންކު މެދުވެރިކޮށް ރާއްޖެއާއި ލަންކާގެ ވިޔަފާރިތަކުގެ މެދުގައި މުއާމަލާތްތައް ކުރާ ކަމަށާއި ލަންކާގެ ގިނަ ބައެއްގެ އެކައުންޓުތައްވެސް ބީއެމްއެލްގައި ހުޅުވާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ބީއެމްއެލްގެ ޕާޓްނަރުންވެސް ލަންކާގައި އެބަތިބި ކަމަށެވެ. އެހެންކަމުން މި ސަބަބުތަކާހުރެ އެ ޤައުމަށް ދިމާވެފައިވާ ހިތާމައިގައި ބައިވެރިވާން އެ ބޭންކުން ނިންމެވީކަމަށް ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގެ 37 މީޑިއާއަކުން ބައިވެރިވެގެން ކުރިއަށްގެދާ މި ޓެލެތޯނަށް މިހާތަނަށް ވަނީ ދެ މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައެވެ.
މި ޓެލެތޯނުގައި މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއްވަނީ ހަމަޖައްސާފައެވެ.



