ޕީއެސްއެމް އިން އިސް ނަގައިގެން ރާއްޖޭގެ ގިނަ މީޑިއާތަކަކާއި ގުޅިގެން ކުރިޔަށް ގެންދާ ”ސިލޯނާއެކު ދިވެހިން“ ޓެލެތޯންއަށް ސްޓެލްކޯ ގެ ފަރާތުން 250،000 ރުފިޔާ ހަދިޔާ ކޮށްފިއެވެ.
ސްޓެލްކޯ ގެ ފަރާތުން ޕީއެސްއެމްއާއި މި ފައިސާ ހަވާލު ކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަމާހު ރަޝީދު އެވެ.
މިއަދު މެންދުރު ފަހު 2:00 އާ ހަމައަށް ކުރިއަށް ގެންދާ މި ޓެލެތޯންއަށް މިހާތަނަށް 5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. މި ޓެލެތޯންއަށް ސަރުކާރު ކުންފުނިތަކާއި، ވުޒާރާ ތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުން ވެސް އަންނަނީ އެހީ ތެރިކަން ފޯރުކޮށްދެމުންނެވެ.
މި ޓެލެތޯނަކީ އަވަށްޓެރި ސްރިލަންކާ އަށް މިހާރު ކުރިމަތިވެފައިވާ ކާރިސާއިން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިޔަށް ގެންދާ ޓެލެތޯންއެކެވެ.
މި ޓެލެތޯނުގައި މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއްވަނީ ހަމަޖައްސާފައެވެ.
މިގޮތުން ކިއުއާރު ކޯޑް ސްކޭންކޮށްގެން ފަސޭހައިން ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމާއި ނަގުދު ފައިސާ، ޓްރާންސްފަރ އާއި ބޭންކް ޗެކް މެދުވެރިކޮށްވެސް މިޓެލެތޯނަށް ފައިސާ ޖަމާކުރެވޭނެ ކަމަށް ޕީއެސްއެމްއިން ބުނެފައިވެއެވެ.
މި ޓެލެތޯނަށް ފައިސާ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް މިއަދު މެންދުރު 2:00 އާ ހަމައަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ދިވެހި ރުފިޔާއިން ފައިސާ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން: 7730000796107
ޑޮލަރުން ފައިސާ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން: 7730000796106


