ޕީއެސްއެމް އިން އިސް ނަގައިގެން ރާއްޖޭގެ ގިނަ މީޑިއާތަކަކާއި ގުޅިގެން ކުރިޔަށް ގެންދާ ”ސިލޯނާއެކު ދިވެހިން“ ޓެލެތޯންއަށް އެސްޓީއޯ ގެ ފަރާތުން 250،000 ރުފިޔާ ހަދިޔާ ކޮށްފިއެވެ.
އެސްޓީއޯ ގެ ފަރާތުން ލަންކާއަށް އެހީވުމަށް ދިން މި ފައިސާ އަކީ އެސްޓީއޯ ގްރޫޕުގައި ހިމެނޭ އެސްޓީއޯ، އެލައިޑް އިންޝުއަރެންސް، މޯލްޑިވް ގޭސް، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަދި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ހިމެނޭގޮތަށް ދިން ފައިސާ ގެ އެހީއެކެވެ.
މިއަދު މެންދުރު ފަހު 2:00 އާ ހަމައަށް ކުރިއަށް ގެންދާ މި ޓެލެތޯންއަށް މިހާތަނަށް 5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. މި ޓެލެތޯންއަށް ސަރުކާރު ކުންފުނިތަކާއި، ވުޒާރާ ތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުން ވެސް އަންނަނީ އެހީ ތެރިކަން ފޯރުކޮށްދެމުންނެވެ.
މި ޓެލެތޯނަކީ އަވަށްޓެރި ސްރިލަންކާ އަށް މިހާރު ކުރިމަތިވެފައިވާ ކާރިސާއިން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިޔަށް ގެންދާ ޓެލެތޯންއެކެވެ.
މި ޓެލެތޯނުގައި މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއްވަނީ ހަމަޖައްސާފައެވެ.
މިގޮތުން ކިއުއާރު ކޯޑް ސްކޭންކޮށްގެން ފަސޭހައިން ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމާއި ނަގުދު ފައިސާ، ޓްރާންސްފަރ އާއި ބޭންކް ޗެކް މެދުވެރިކޮށްވެސް މިޓެލެތޯނަށް ފައިސާ ޖަމާކުރެވޭނެ ކަމަށް ޕީއެސްއެމްއިން ބުނެފައިވެއެވެ.
މި ޓެލެތޯނަށް ފައިސާ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް މިއަދު މެންދުރު 2:00 އާ ހަމައަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ދިވެހި ރުފިޔާއިން ފައިސާ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން: 7730000796107
ޑޮލަރުން ފައިސާ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން: 7730000796106




