ހުޅުމާލޭ އިންޖީނުގޭގައި ހިނގި ހާދިސާއެއްގައި އަނިޔާވި ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލަށް ބަދަލުކުރެވިފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ސްޓެލްކޯގެ މުވައްޒަފަށް އަނިޔާވީ ހުޅުމާލެ ބާ އިންޖީނުގޭގެ ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއް ހައްލުކުރަން އުޅުމުގެ ތެރޭގައި ފިހިގެންނެވެ.
ސްޓެލްކޯއިން އެ ދުވަހު ބުނީ ހާދިސާ ހިނގުމާ އެކު ވަގުތުން ފަރުވާގެ އިންތިޒާމް ހަމަޖައްސައި ހުޅުމާލެ ހޮސްޕިޓަލަށް އޭ ނާ ގެންދިޔަ ކަމަށާއި އަދި ހަމަ އެ ދުވަހު އޭޑީކޭއަށް ބަދަލުކޮށް ފަރުވާ ފަށާފައިވާ ކަމަށެވެ.
”މި ހާދިސާއާއި ގުޅިގެން އަނިޔާވި މުވައްޒަފުގެ ފަރުވާއާއި ގުޅޭ އެންމެހާ ކަންކަން ވަރަށް ގާތުން ބަލައި، ކުންފުނީގެ ފަރާތުން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މުވައްޒަފުގެ އާއިލާއާއި ގުޅިގެން މި ދަނީ މަސައްކަތް ކުރަމުން،“ ސްޓެލްކޯއިން އޭރު ބުނެފައި ވެއެވެ.
މި ހާދިސާއަށް އިޝާރާތްކޮށް ސްޓެލްކޯ އިން މިއަދު ބުނީ ހުޅުމާލޭ އިންޖީނުގޭގައި ހިނގި ހާދިސާއެއްގައި އަނިޔާވި އެ ކުންފުނީގެ މުވައްޒަފު ވަނީ އިތުރު ފަރުވާއަށް ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލަށް ބަދަލުކުރެވިފައިވާ ކަމަށެވެ. ”އަޅުގަނޑުމެންގެ ދުޢާ އަކީ އެ މުވައްޒަފަށް އަވަސް ޝިފާއެއް ލިބި، އަލުން ހެޔޮ ހާލުގައި ވަޒީފާއަށް ނިކުމެވުމުގެ ތައުފީޤު މާތް ﷲ ދެއްވެވުން“ ސްޓެލްކޯއިން ކުރި ޕޯސްޓުގައި މިއަދު ބުނެފައި ވެއެވެ.




