އަވަށްޓެރި ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ޕީއެސްއެމުން އިސްނަގައިގެންފެށި ޚާއްސަ ޓެލެތޯން ”ސިލޯނާއެކު ދިވެހީން“ ޓެލެތޯނަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން 100،000 ރުފިޔާ ހަދިޔާކޮށްފިއެވެ.
ލަންކާއަށް އެރި ބާރުގަދަ ތޫފާން ”ދިތްވާ“ ގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ކުރިއަށްގެންދާ ޓެލެތޯނު ފެށީ އިއްޔެ ހެނދުނު 9 ޖެހިއިރުއެވެ. އަދި މި ޓެލެތޯނަށް ފައިސާ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް މިއަދު މެންދުރު 2:00 އާ ހަމައަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ޓެލެތޯނަށް ފެނަކަ އިން 100،000 ރުފިޔާ ހަދިޔާކޮށްފައިވާއިރު، މިއަދު ހެނދުނު 11 ޖެހުމާއި ހަމައަށް މި ޓެެލެތޯނަށް ވަނީ ޖުމްލަ 6,205,637 ރުފިޔާ ލިބިފައެވެ. އޭގެތެރޭގައި ހިމެނެނީ 5،556،579 ރުފިޔާ އަދި 42،092 ޑޮލަރެވެ.
މި ޓެލެތޯނުގައި މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއްވަނީ ހަމަޖައްސާފައެވެ.
މިގޮތުން ކިއުއާރު ކޯޑް ސްކޭންކޮށްގެން ފަސޭހައިން ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމާއި ނަގުދު ފައިސާ، ޓްރާންސްފަރ އާއި ބޭންކް ޗެކް މެދުވެރިކޮށްވެސް މިޓެލެތޯނަށް ފައިސާ ޖަމާކުރެވޭނެ ކަމަށް ޕީއެސްއެމްއިން ބުނެފައިވެއެވެ.



