އަވަށްޓެރި ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯން ”ސިލޯނާއެކު ދިވެހީން“ ޓެލެތޯނަށް 6.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
ލަންކާއަށް އެރި ބާރުގަދަ ތޫފާން ”ދިތްވާ“ ގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ކުރިއަށްގެންދާ ޓެލެތޯނު ފެށީ އިއްޔެ ހެނދުނު 9 ޖެހިއިރުއެވެ. އަދި މި ޓެލެތޯނަށް ފައިސާ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް މިއަދު މެންދުރު 2:00 އާ ހަމައަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ޓެލެތޯނަށް މިއަދު މެންދުރު 12 ޖެހުމާއި ހަމައަށް 6,655,662 ރުފިޔާ ވަނީ ލިބިފައެވެ. އޭގެތެރޭގައި ހިމެނެނީ 6،003،289 ރުފިޔާ އަދި 42،307 ޑޮލަރެވެ.
މި ޓެލެތޯނުގައި މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއްވަނީ ހަމަޖައްސާފައެވެ.
މިގޮތުން ކިއުއާރު ކޯޑް ސްކޭންކޮށްގެން ފަސޭހައިން ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމާއި ނަގުދު ފައިސާ، ޓްރާންސްފަރ އާއި ބޭންކް ޗެކް މެދުވެރިކޮށްވެސް މިޓެލެތޯނަށް ފައިސާ ޖަމާކުރެވޭނެ ކަމަށް ޕީއެސްއެމްއިން ބުނެފައިވެއެވެ.


