ކޮންމެ ސަރުކާރަކުން ވެސް ފަސް އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓަރެއް ހަދަން ލާޒިމްކޮށްފައިވާ މުއްދަތު ދެ އަހަރު ދުވަހަށް އިތުރުކުރަން ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ހުރާ ދާއިރާގެ ޕީއެންސީގެ މެމްބަރު ޑރ. އަނާރާ ނައީމް އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ.
މިދިޔަ އަހަރު ފާސްކުރި ފިސްކަލް ޒިންމާގެ ގާނޫނުގައިވާ ގޮތުން ކޮންމެ ރިޔާސީ ދައުރެއް ފެށޭތާ 6 މަސް ދުވަހުގެ ތެރޭގައި ފަސް އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓަރެއް އެކުލަވާލައި، ސަރުކާރުގެ ގެޒެޓުގައި އާންމުކުރަން ޖެހެއެވެ.
ނަމަވެސް އަނާރާ އެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ އެ ގާނޫނުގެ ދަށުން އެކުލައިލަންޖެހޭ ފުރަތަމަ ޗާޓަރު ހަދަންޖެހޭ މުއްދަތު 24 މަސް ދުވަހަށް އިތުރުކުރުމަށެވެ.
އަދި އެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ހަދަންޖެހޭ ގަވާއިދުތައް ހަދަން 2 އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް އެ އިސްލާހުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން މި ގާނޫނުގައި ރިޔާސީ ދައުރެއް ހިންގަން ފަށާ މުއްދަތަކީ 18 މަސް ދުވަސް ކަމަށް ކަނޑައަޅާފައިވާ މާއްދާ އުނިކުރަން ވެސް ހުށަހަޅާފައި ވެއެވެ.



