އަވަށްޓެރި ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯން ”ސިލޯނާއެކު ދިވެހީން“ ޓެލެތޯނަށް މިހާތަނަށް ލިބުނީ 11.4 މިލިއަން ރުފިޔާއެވެ.
ލަންކާއަށް އެރި ބާރުގަދަ ތޫފާން ”ދިތްވާ“ ގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ކުރިއަށްގެންދާ ޓެލެތޯނު ފެށީ އިއްޔެ ހެނދުނު 9 ޖެހިއިރުއެވެ. އަދި މި ޓެލެތޯނަށް ފައިސާ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް މިއަދު މެންދުރު 2:00 އާ ހަމައަށް އެ ފުރުސަތު އޮތީ ހުޅުވާލާފައެވެ.
މިއަދުގެ މެންދުރު 14:22 ވުމާއި ހަމައަށް އެ ޓެލެތޯނަށް 11,415,915 ރުފިޔާ ވަނީ ލިބިފައެވެ. އޭގެތެރޭގައި ހިމެނެނީ 10،743،125 ރުފިޔާ އަދި 43،631 ޑޮލަރެވެ.
މި ޓެލެތޯނުގައި މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއްވަނީ ހަމަޖައްސާފައެވެ.
މިގޮތުން ކިއުއާރު ކޯޑް ސްކޭންކޮށްގެން ފަސޭހައިން ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމާއި ނަގުދު ފައިސާ، ޓްރާންސްފަރ އާއި ބޭންކް ޗެކް މެދުވެރިކޮށްވެސް މިޓެލެތޯނަށް ފައިސާ ޖަމާކުރެވޭނެ ކަމަށް ޕީއެސްއެމްއިން ބުނެފައިވެއެވެ.




