އެއިޑްސް ބަލި ނައްތާލުމަކީ ހުރިހާ ގައުމެއް ހިއްސާވާ ބައިނަލްއަޤުވާމީ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ އެއިޑްސް ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ”މި އަހަރުގެ ދުނިޔޭގެ އެއިޑްސް ދުވަހަށް ހާއްސަކޮށްފައިވާ ތީމަކީ ތުރާތަކުން އަރައިގަނެ، އެއިޑްސްއާ ދެކޮޅަށް ކުރާ މަސައްކަތް ބަދަލުކުރުން ކަމަށްވާއިރު ، އެ ބަލި ނައްތާލުމަކީ ބައިނަލްއަޤުވާމީ ޒިންމާއެއް ކަމަށެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ މި އަހަރަކީ ޓްރިޕްލް އެލިމިނޭޝަން ނުވަތަ މަންމައިންގެ ގައިން ދަރިންގެ ގަޔަށް އެޗްއައިވީއާއި ސިފިލިސްއާއި ހެޕަޓައިޓިސް ބީ އެރުން މުޅިން ނައްތައިލެވިފައިވާ ފުރަތަމަ ގައުމަށް ރާއްޖެ ވެފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ”ޑަބްލިއުއެޗްއޯ“އިން ކަނޑައެޅި އަހަރުކަން ފާހަގަކުރައްވާފައެވެ.
އެގޮތުން އެކަން ހާސިލް ކުރެވުނީ، އެންމެނަށް ބޭސްފަރުވާއަށް ވާސިލުވެވޭނެ މަގު ފަހިކޮށް، ރަނގަޅު ބޭސްފަރުވާ ހޯދައިދިނުމަށް ދިވެހި ދައުލަތުން ކުރާ މަސައްކަތުން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މިކާމިޔާބަކީ ބޯޑަރުތައް ހުރަސްކޮށް އެކި ގައުމުތަކާ ޖަމްއިއްޔާ ޖަމާއަތްތަކާ ގުޅިގެން ކުރެވުނު މަސައްކަތާއި، އިލްމު ބަދަލުުކުރުމާއި، ގުޅިގެން އެކުއެކީ އީޖާދީ ގޮތެއްގައި ކުރެވުނު ތަފާތު މަސައްކަތްތަކުން ހާސިލުކުރެވުނު ނަތީޖާއެއް ކަަމަށްވެސް ރައީސް ވިދާޅުވިއެވެ.
2030 ވަނަ އަހަރުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހުރިހާ އެންމެން ގުޅިގެން އަދުލުވެރި ގޮތެއްގައި ބޭސްފަރުވާ އެންމެންނަށް ލިބޭނެކަން ކަށަވަަރުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްގެ ޕޯސްޓުގައި ވަނީ ބައެއް ބަލިތަކާގުޅޭ ގޮތުން ދެކޭ ދެކުން ބަދަލުކޮށް ފަރުދުންގެ ކަރާމާތް ނެގެހެއްޓުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.




