ހިތްވަރާއި އޯގާތެރިކަމާއެކު މަސައްކަތްކޮށް، ކުރިއަށްއޮތް ޖީލުތަކަށް އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށް ވައުދުވެ އެކަމަށް ޢަޒުމް ކަނޑައެޅުމަށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެދިވަޑައިގެންފިއެވެ.
އެކަމަނާ މިކަމަށް އެދިވަޑައިގެންފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޖަލްސާގެ ފުރަތަމަ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާ ކުރިއަށް ދިޔައީ މިއަދު ހެނދުނު ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ސައިންސާއި، ޓެކްނޮލޮޖީއާއި، އިންޖިނިއަރިންގ އަދި ހިސާބު ހިމެނޭ ”ސްޓެމް“ ދާއިރާތަކަކީ މުޖުތަމައުގައި އާ ކަންތައްތަކާއި އުފެއްދުންތެރިކަމުގެ ބިންގާ ކަމުގައި ވިދާޅުވެ، ދުނިޔޭގެ ދިރިއުޅުން ބައްޓަން ކުރުމުގައި ހަރަކާތްތެރިވާ ޕްރޮފެޝަނަލުން ނިސްބަތްވަނީ ސްޓެމްގެ އެކިއެކި ފަންނުތަކަށްކަން އެކަމަނާ ފާހަގަ ކުރެއްވި އެވެ. އަދި މުޖުތަމައުގައި ސްޓެމްގެ މުހިންމު ދައުރެއް އޮތް ނަމަވެސް، ދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމުގައި އެކަމަނާ ވިދާޅުވި އެވެ. މިގޮތުން، އަންހެނުންނާއި ފިރިހެނުންނަށްވެސް ސްޓެމްގެ ދާއިރާތަކުން މަތީ ތައުލީމު ހޯދުމާއި، މަސައްކަތުގައި ބައިވެރިވުމާއި، ކާމިޔާބީއަށް ހާސިލްވާން ހުރަސްތަކެއް ހުރިކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އަދި، އުފެއްދުންތެރިކަމާއި، ދިމާވާ ކަންކަން ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށްޓަކައި ”ސްޓެމް ކޮމިއުނިޓީ“އެއް އުފެއްދުމުގެ މުހިންމުކަމުގެ މައްޗަށް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވި އެވެ.
ދަރިވަރުންނާއި ބެލެނިވެރިންނާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޑިގްރީ ހާސިލް ކުރުމަކީ ކުޑަ ކާމިޔާބީއެއް ނޫންކަމުގައި ވިދާޅުވެ، ދަރިވަރުންގެ ބުރަ މަސައްކަތް ފާހަގަކުރައްވައި، ހުރިހާ ދަސްވެނިންނަށް ތަހުނިޔާއާއި މުބާރިކްބާދީ ވިދާޅުވި އެވެ. އަދި ހަޔާތުގެ ދެން އޮތް މައިދާނަށް ނުކުންނަވާއިރު އެންމެންގެ ތަފާތުވުންތައް ގަބޫލު ކުރެއްވުމަށާއި، އެކަކުވެސް ބާކީ ނުކުރައްވައި ވަޒީފާ އަދާކުރެއްވުމަށް އެކަމަނާ ބާރުއެޅުއްވި އެވެ.
ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅީގެ ޖަލްސާގައި ސަނަދު ޙާސިލް ކުރެއްވީ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އިން 28 ދަރިވަރުން އަދި ސްކޫލް އޮފް ނަރސިންގ އިން 94 ދަރިވަރުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އިން ހިންގި އެކިއެކި ޑިގްރީ އަދި މާސްޓަރސް ކޯސްތައް ނިންމި ދަރިވަރުންނަށް ސަނަދު ހަވާލުކުރައްވާފަ އެވެ. މީގެ އިތުރުންވެސް ޝަރަފުގެ އެވޯރޑް ލިބުނު ފަރާތްތަކުގެ ތެރެއިން ގްރޭޑް ޕޮއިންޓް އެވްރެޖް 3.5 ނުވަތަ އެއަށްވުރެ މަތި ލިބުމާއެކު، އެކި ކޯސްތަކުން އެއްވަނަ ހޯދާ ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ހާސިލްކުރެއްވި 2 ދަރިވަރުންނަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ އިނާމު ހަވާލު ކޮށްދެއްވާފަ އެވެ.
ޤައުމީ ޔުނިވަރސިޓީގައި 3000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލް ކުރަމުންގެންދެ އެވެ. ޔުނިވަރސިޓީގައި މިވަގުތު 11 ފެކަލްޓީއަކާއި، މާލޭ ކެމްޕަސް ހިމެނޭ ގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް ކެމްޕަސް ހިންގަމުން ދެއެވެ.




