ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ކަނޑައަޅާނެ ފަރާތެއް ނިންމާނީ ޕާޓީ ފެންވަރުގައި މަޝްވަރާ ކުރުމަށްފަހު ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ، މަޖިލީހަށް ރައީސަކު ކަނޑައެޅުމަކީ ސަރުކާރަށް ވުރެ ބޮޑަށް ޕާޓީ ފެންވަރުގައި ކުރެވޭނެ ކަމެއް ކަމަށެވެ. އަދި އެކަން ނިންމާނީ ޕާޓީގެ މަޝްވަރާއަށްފަހު ކަމަށް ހީނާ ވިދާޅުވި އެވެ.
މަޖިލިސްގެ ރައީސަކަށް ހޮއްވަވާނެ ބޭފުޅަކާމެދު ސުވާލު އުފެދިފައިވާއިރު، ރައީސް ޑރ.މުއިއްޒަުގެ ޚާއްސަ މުޝީރުކަމުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވަނީ ފަހަކަށް އައިސް ބާއްވާ ސިޔާސީ އެއްވުންތަކުގައި އެކަމަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. އެހެންނަމަވެސް، ކަނޑައެޅިގެން ވަކިގޮތެއް ނިންމި ވާހަކައެއް ވިދާޅުވެފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު ސިޔާމް މުހައްމަދު އާއި ދިއްގަރު ދާއިރާގެ މެންބަރުކަމަށް ހޮވިވަޑައިގެންނެވި މަޖިލީހުގެ ކުރީގެ ނައިބުރައީސް އަހުމަދު ނާޒިމް ޝައުގުވެރިވަޑައިގަންނަވާކަމުގެ އަޑުތަކެއްވެސްވަނީ ފެތުރިފަ އެވެ.
މިކަމާއި ގުޅޭގޮތުން ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްޗެއް ވިދާޅުވެފަ އެއްނުވެއެވެ. ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވާގޮތުގައި ނާޒިމް އަކީ މުއިއްޒުގެ އާއިލީ ބޭފުޅެއްކަމުން ބޮޑަށް ބުރަވެވެނީ ނާޒިމް ރައީސަކަށް ހަމަޖައްސަވާފާނެކަމަށެވެ. އަނެއް ބައި ބޭފުޅުން ވިދާޅުވަނީ އަބްދުއްރަހީމް އަކީ މުއިއްޒުގެ ސިޔާސީ ކަންކަމުގައި އެންމެ އަރިސް ބޭފުޅާކަމުން އޭނާ ހަމަޖެއްސެވުންވެސް އެކަށީގެންވާ ކަމަށެވެ. ކޮންމެއަކަސް މިކަމަކީ ޑރ. މުއިއްޒު ވަރަށް ހިކުމަތްތެރިކަމާއެކު ނިންމަވަން ޖެހޭ ކަމެއް ކަމަށާއި، މިފަހަރު ނިންމަވާ ނިންމެވުމެއްގެ ސަބަބުން ޕީއެންސީ ދެކަފިއަކަށް ބެހިގެން ހިނގައިދާނެކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ދަނީ އަންދާޒާކޮށް ގޮތް ކިޔަމުންނެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެރިކަން ކުރާ ޕީއެންސީންވަނީ ސުޕަރ މެޖޯރިޓީ ހޯދާފަ އެވެ. އަދި އެ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓުންގެގޮތުގައި އިންތިޚާބުވެވަޑައިގެންނެވި ހަތް ބޭފުޅަކު ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ. މީގެ އިތުރުން ޖުމްހޫރި ޕާޓީގެ ރައީސް ގާސިމް އިބްރާހިމް އާއި، އެމްޑިއޭގެ ރައީސް ސިޔާމް އަހްމަދާއި، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ސަރުކާރަށް ތާއީދުކުރައްވައެވެ. އެހެންކަމުން މަޖިލީހުގެ ތެރެއިން ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން އަންނަ މަޖިލީހުގެ ތެެރެއިން ސަރުކާރަށް ލިބޭނެއެވެ. ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، ސަރުކާރަށް މަޖިލިސް ލިބިއްޖެނަމަ، ބާރު ސްޕީޑްގައި ތަރައްގީގެ ކަންކަން ކުރިޔަށް ގެންދަވާނެކަމަށެވެ.


