އާދަޔާޚިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ބެރިއަޓްރިކް ސަރޖަރީގެ ޚިދުމަތް ފަށައިފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ބެރިއަޓްރިކް ސަރޖަރީ އަކީ ހަޖަމްކުރާ ނިޒާމު މަސައްކަތް ކުރާގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަލުގެނެސް އާދަޔާޚިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީގޮތެއްގައި ދަށްކުރުމަށް އެހީތެރިވުމަށް ކުރާ ވަރަށް ކާމިޔާބު އޮޕެރޭޝަން ތަކެކެވެ.
މި އޮޕެރޭޝަންތަކުން ޙާޞިލުވާ ފައިދާ ތަކުގެތެރޭގައި ބަލިމިހާއަށް ރަނގަޅު ސިއްޙަތެއް ލިބިދިނުމާއެކު ނަފްސާނީ ދުޅަހެޔޮކަން ރަގަޅުވެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެ އަލުން ބަލިމީހާގެ ހަޔާތަށް އުފާވެރި ކަމާއި ހިތްހަމަޖެހުން ގެނުވައިދިނުން ހިމެނެއެވެ.
މީގެ އިތުރުން ކުރިން ބޭސްކުރަމުން އައި ގައިންގަޔަށް ނާރާ ބައެއް ބަލިތަކަށް ބޭސްކުރަން ނުޖެހުން ހިމެނެއެވެ.
އޭގެ ތެރޭގައި ޓައިޕް 2 ހަކުރުބައްޔާއި، ލޭ މައްޗަށް ދިއުމާއި ކޮލެސްޓެރޯލް މަތިވުމާއި، ހިތުގެ ބަލިތަކާއި ބައެއް ބާވަތުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވުން ހިމެނެއެވެ.
ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި މި އޮޕެރޭޝަންގެ ޚިދުމަތް ގާއިމް ވެގެން ދިއުމަކީ އެ ބަލިތަކަށް ޒަމާންތަކެއްވަންދެން ބޭސްކަމުން އަންނަ، އެކަށީގެންވާ ވަރަށްވުރެ ހަށިގަނޑުގެ ބަރުދަން މަތިވެ، އުއްމީދު ނެތިފައިވާ އެތައް ބަޔަކަށް ލިބިގެންދާނެ ވަރަށް އުއްމީދީ ހައްލެއްކަމަށް ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވިއެވެ.
ސަރުކާރުގެ ހޮސްޕިޓަލެއްގައި މުޅިން އަލަށް އެފަދަ މުހިންމު ހިދުމަތެއް ފެށުމަށް ސަރޖަރީ ޑިޕާޓްމަންޓުގެ ޓީމުން މަސައްކަތްކުރާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި މިއަދު އެކަން ކާމިޔާބު ވަނީ އެތައް ބައެއްގެ މަސައްކަތުންނާއި އެހީތެރިކަމާއެކުކަން ސީއީއޯ ވަނީ ފާހަގަކުރައްވާފައެވެ.
އޭގެ ތެރޭގައި އެ ހޮސްޕިޓަލުގެ ސަރޖަނުންނާއި، އެފަރާތްތަކާ އެކު މަސައްކަތްކުރާ ހޭނައްތާ ޑޮކްޓަރުން، ނަރުހުން، އެހެނިހެން ޓެކްނިކަލް/ކްލިނިކަލް މަސައްކަތްތެރިންނާއި އިދާރީ މުވައްޒަފުންނާ ސަޕޯޓް ސްޓާފުންނާއި ރާއްޖޭގެ ފުރަތަމަ ބެރިއަޓްރިކް ސަރޖަން، ޑރ. އަޒްނާގެ ނަން ވަކިން ފާހަގަކޮށް ސީއީއޯ ވަނީ މަރުޙަބާ ދަންނަވާފައެވެ.
”ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޞިއްޙީ ދާއިރާއަށް ގެންނަވަމުންދާ ހަރުދަނާ އަދި ތަރައްޤީގެ ކުރިއެރުންތަކަކީ ފަހުގެ ތާރީޚެއްގައި މި ދާއިރާއިން ދެކުނު ފާހަގަކޮށްލެވޭ އެންމެ ބޮޑެތި ކާމިޔާބީތަކެއްކަން ޔަޤީން“ސީއީއޯ ވިދާޅުވިއެވެ.



