މިދިޔަ ނޮވެމްބަރު މަހު ފުވައްމުލަކު ސިޓީއަށް ފެން ފޯރުކޮށްދިނުމުގައި ދިމާވި ދަތިތަކާއި ގުޅިގެން އެ މަހުގެ ފެނަށް ބިލް ނުކުރާން ފެނަކައިން ނިންމައިފިއެވެ.
ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ފުވައްމުލައް ސިޓީގައި ދިމާވެފައިވާ ފެނުގެ މައްސަލަ ޙައްލުކުރުމަށާއި، ރަނގަޅު ފެންވަރެއްގައި ފެނުގެ ޚިދުމަތް އަލުން ދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ހުއްޓުމެއްނެތި ކުރަމުންދާ ކަމަށެވެ.
އެގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި ފުވައްމުލައް ސިޓީގެ ފެނުގެ ނެޓްވޯކްގެ މަސައްކަތްތަކެއް ކުރަމުންދިޔައިރު، އެކި ވަގުތުތަކުގައި ފެން ކެނޑުމާއި ފެނުގެ ޕްރެޝަރ ދަށްވުންފަދަ ކަންކަން މެދުވެރިވެފައިވާ ކަމަށާއި މިކަމުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވިކަން ފެނަކައިން ވަނީ ފާހަގަކޮށްފައެވެ.
އަދި އެ ސިޓީގެ ފެނުގެ ނިޒާމު އަޕްގްރޭޑުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށާއި މި މަސައްކަތުގެ މަޤްސަދަކީ ފުވައްމުލަކުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު ފެނުގެ ޚިދުމަތެއް ކަށަވަރުކޮށްދިނުން ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.
ފެނަކައި ބުނީ މި ކަންކަމަށް ރިޔާއަތްކޮށް އަދި ފެނުގެ ޚިދުމަތަށް ދިމާވި ދަތިކަމުގެ ސަބަބުން ރައްޔިތުންނަށް ލުޔެއް ދިނުމަށް ފާއިތުވި ނޮވެންބަރު މަހު ފުވައްމުލައް ސިޓީގެ ފެނަށް ބިލުނުކުރާގޮތަށް ނިންމާފައިވާ ކަމަށެވެ.
ފެނަކައިން ބުނީ ކުރިޔަށް އޮތްތަނުގައިވެސް ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
މީގެ އިތުރުން ފެނުގެ ޚިދުމަތް ކެނޑި، ދިމާވި ދަތި ވަގުތުތަކުގައިވެސް ފުވައްމުލަކުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، ފެނަކައިން ވަނީ ޝުކުރު ދަންނަވާފައެވެ.



