ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާއެކު ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝަމީމް އަހައްމަދު (31އ) އެވެ.
ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށްފައިވަނީ އިއްޔެ ކަމަށެވެ.
އެގޮތުން އޭނާ ހައްޔަރުކުރީ ހުޅުމާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް ހުޅުމާލެ އެމްޓީސީސީ ޓާމިނަލް ކައިރިން ސައިކަލެއްގައި ދިޔަ މީހެއް ފުލުހުން ފެނުމުން އެއްޗެއް ފޮރުވަން މަސައްކަތްކުރާކަން ފާހަގަކުރެވިގެން، އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދަޅުތަކެއް ފެނުމާ ގުޅިގެން ކަމަށް ފުލުހުން ބުނެފައި ވެެއެވެ.
ފުލުހުން ބުނީ އެ މީހާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާ ގެންގުޅުނު ދަބަސް ތެރެއިން 72 ބިޔަރު ދަޅު ފެނިފައިވާ ކަމަށެވެ.
މީގެއިތުރުން ފުލުހުން ބުނީ މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.



