ކްރިމިނަލް ކޯޓުގެ ޤާޒީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދު މަޤާމުން ވަކިކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
އެގޮތުން އެ ކޮމިޓީގެ އަގުލަބިއްޔަތުން ނިންމީ ގާޒީ ހުސައިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ.
ކްރިމިނަލް ކޯޓުގެ ޤާޟީ ޙުސައިން ފާއިޒު ރަޝާދު މަޤާމުން ވަކިކުރެއްވުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށައެޅީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.
ޖޭއެސްސީން މަޖިލީހަށް ހުށައެޅި ސިޓީގައިވަނީ، ސ. ހިތަދޫ، ކޯޒީކޯނާ، ޢަލީ އަންވަރުގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމުގައި ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޚިލާފަށް ޤާޟީ ޙުސައިން ފާއިޒު ރަޝާދު ޢަމަލުކޮށްފައިވާ ކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަ، ޤާޟީގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކޮށް، މި މައްސަލާގައި ތުހުމަތުކޮށްފައިވާ ޢަމަލެއް ޤާޟީ ފާއިޒު ކޮށްފައިވާކަމަށް ސާބިތުވެފައިވާކަން ފާހަގަކޮށްފައެވެ.
ޖޭއެސްސީގެ ނިންމުން މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ އިތުރަށް ދިރާާސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
މި މައްސަލައަށް ގޮތެއް ކަނޑައެޅުމަށް މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި، މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވަން ހުށަހަޅުއްވަމުން ފަރެސްމާތޮޑާ ދާއިރާގެ ޕީއެންސީ މެންބަރު އަޝްރަފް ރަޝީދު ވިދާޅުވީ އެ ކޮމިޓީން ބަލަން ޖެހެނީ، ގާޒީ ފާއިޒް މަގާމުން ވަކިކުރުމުގެ މައްސަލައިގައި އިޖުރާއަތްތަކާ ހިލާފަށް ޖޭއެސްސީން އެއްވެސް ކަމެއް ހިންގާފައިވޭތޯ ކަމަށެވެ.
މިހާތަނަށް އައި އިރު އެފަދަ ކަމެއް ހިނގާފައިވާކަން ފާހަގަ ވެފައިނުވާ ކަމަށާއި އެހެންކަމުން އެ މައްސަލައަށް ގޮތެއް ނިންމަން މަޖިލިސް ތަޅުމަށް ފޮނުވަން ހުށަހަޅުއްވާކަމަށް މެންބަރުން ވިދާޅުވިއެވެ.




