ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި”ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް“ ގެ އިސްވެރިޔެއް ކަމަށްވާ ހުސައިން ސަނީ އުމަރުގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ބުނީ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ސަނީ އުމަރު ”ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަަކަކަށް އަމަލުކުރުމުގެ ގާނޫނު“ ގެ 30 ވަނަ މާއްދާއާއި 33 ވަނަ މާއްދާ އަދި ގާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން 30 ދުވަހަށް ސަނީ އުމަރުގެ ބަންދު ކުރުމުގެ އަމުރަކަށް މިއަދު އެދިފައިވާނެ ކަމަށެވެ.
އެގޮތުން މި ހުށަހެޅުމާ އެއްގޮތަށް އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ޕީޖީން ބުނެފައިވެއެވެ.
ެއަދި މި މައްސަލައިގައި ތަހުގީގަށް ކުރިއެރުން ލިބެމުންދާ ވަރަކުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސަނީ އުމަރުގެ ބަންދު އިތުރު ކުރަމުންދާނެ ކަމަށްވެސް ޕީޖީން ބުނެފައި ވެއެވެ.
މީގެ އިތުރުން ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދި ހުށަހަޅަން ގަސްދުކުރާކަމަށްވެސް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.



